ޚަބަރު

މިއަހަރުގެ އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރާނީ އިރުފާން


މިއަހަރުގެ އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭބީޔޫ)ގެ ބައިނަލްއަޤްވާމީ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރާ ބައިވެރިއެގެ ގޮތުގައި ޙަސަން އިރުފާން ހަމަޖައްސައިފިއެވެ.

ޙަސަން އިރުފާނު ނުވަތަ މަޝްހޫރު ނަމުންނަމަ ޒަކިއްޓެއަކީ ޕީއެސްއެމްއިން ގެނެސްދިން މޯލްޑިވިއަން އައިޑަލް ސީޒަން 2 އިން އާންމުގެ ތެރެއަށް މަޝްހޫރުވި ލަވަކިޔުންތެރިއެކެވެ.
އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ އޮނަތިރީހުން 31ގެ ނިޔަލަށް ކުރިއަށްދާ، ރޭޑިއޯ އޭޝިއާ ކޮންފަރެންސްގެ ތެރެއިންނެވެ. މިމަހުގެ 30ވަނަ ދުވަހު އޮންނަ ފެސްޓިވަލް އޮންނާނީ ބަނގްލަދޭޝްގެ ޑާކާގައެވެ. މިފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރާ އިރުފާން ބައިވެރިވެފައިވަނީ ޕީއެސްއެމްއިން ހުޅުވާލި ފުރުޞަތުގައި ވާދަކޮށްގެންނެވެ.

މިފަހަރުގެ ފެސްޓިވަލްގައި ހުށަހަޅައިދޭން ހަމަޖެހިފައިވަނީ "ރާޅު މާލީ"ގެ ނަމުގައި ތައްޔާރުކޮށްފައިވާ ލަވައެކެވެ. މިއީ އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ ރާޅާ އެޅުންތެރިންނަށް ޚާއްސަ ލަވައެކެވެ. މިލަވަޔަކީ ރާޅާ އެޅުންތެރިއެއްގެ ހަޔާތް ކުރުގޮތަކަށް ކިޔާދޭ ލަވަޔެކެވެ. މި ލަވައިގެތެރެއިން މިހާރުގެ މިއުޒިކާއެކު ދިވެހިންގެ ލޭ ކައްކުވާލާ ބޮޑުބެރުވެސް ހިމެނެއެވެ. އިރުފާން ބުނީ މިފަދަ ބޮޑު ފެސްޓިވަލްއެއްގައި އޭނާގެ އަމިއްލަ ލަވަޔެއްކިޔާ ރައްޖެ ތަމްޞީލް ކުރުމަށް ލިބުނު ފުރުޞަތަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަމަށެވެ. އަދި މިއީ މިއުޒިކީ ދާއިރާގައި އޭނާއަށް ޙާސިލްވާ އެންމެބޮޑު އެއް ކާމިޔާބުކަންވެސް އޭނާ ފާހަގަކުރިއެވެ.

މިފެސްޓިވަލްގައި ބައިވެރިވުމަށް އިރުފާނާ އެކު މިއުޒީޝަނަކާއި ޕްރޮޑިއުސަރު ސަމޫހު ތައުފީގު ބަންގްލަދޭޝަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުއެވެ. މިފަހަރުގެ އޭބީޔޫ ފެސްޓިވަލްގައިވެސް ރާއްޖެއާއެކު ގިނަ ޤައުމުތަކުން ބައިވެރިވެއެވެ. މީގެ ތޭރޭގައި ކޮންމެ އަހަރަކުވެސް ބައިވެރިވާ ޤައުމުތައް ހިމެނެއެވެ.

އޭބީޔޫއަކީ ދުނިޔޭގެ ފަސްދޮޅޮސް ނުވަ ޤައުމަކުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.
އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޕީއެސްއެމުން ރާއްޖެ ތަމްސީލްކުރާ މިއީ 4 އަހަރެވެ. އެބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގެ އިތުރުން ޓީވީ ސޯންގް ފެސްޓިވަލާއި އޭބީޔޫ ޑާންސް ފެސްޓިވަލްގައިވެސް ރާއްޖެ އަންނަނީ ވާދަކުރަމުންނެވެ. މި ފެސްޓިވަލްތަކުގައި ރާއްޖޭގައި ތިބި މަޝްހޫރު ލަވަކިޔުންތެރިންނާއި މި ދާއިރާއަށް އަލަށް ނުކުންނަ މީހުން ވާދަކޮށްފައިވާކަން ފާހަގަކުރެވެއެވެ.