ޚަބަރު

މީރާގެ މުވައްޒަފުންނަށް ސެލްފް ޑިފެންސް ޓްރެއިނިންގ ޕްރޮގްރާމެއް


އެކިއެކި ޙާލަތް ތަކުގައި އަމިއްލަ ރައްކާތެރި ކަމުގެ ގޮތުން އެޅިދާނެ ހުނަރުވެރި ފިޔަވަޅު ތަކާއި ނުރައްކާތެރި ޙަމަލާ އަކުން ސަލާމަތްތެރިކަން ހޯދުމަށް މީރާގެ މުވައްޒަފުންނަށް ހިންގާ ސެލްފް ޑިފެންސް ސްކިލް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.މީރާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މިޕްރޮގްރާމް ފައްޓަވައި ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤުއެވެ.އިސްކަންދަރު ކޮށީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މުޙައްމަދު ޞާދިޤު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއީ މަސައްކަތުގެ މާޙައުލުގައި ކޮންމެ މުވައްފަޒަކަށްވެސް މުހިއްމު ތަމްރީނެއް ކަމަށާއި، މިފަދަ ތަމްރިނު ތަކުގެ ސަބަބުން ނަފުސުގެ ސަލާމަތާ ރައްކާތެރިކަމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.މީރާގެ ސަތޭކަ ސާޅީސް ތިން މުވައްޒަފުން ހިމެނޭގޮތުން ތިން ހަފްތާއަށް ކުރިޔަށް ގެންދާ މިތަމްރީނު ޕްރޮގްރާމްތައް ރަމަޟާންމަހު ކުރިޔަށް ގެންދަން ހަމަޖެފައި ވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.ސެލްފް ޑިފެންސް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ އޮފީސްތަކާ މިނިވަން މުއައްސަސާތަކާއި ރާއްޖޭގައި ޙަރަކާތްތެރިވާ އެކިއެކި މަދަނީ ޖަމާޢަތްތަކަށްވެސް މިތަމްރީނު ޕްރޮގްރާމުތައް ފުލުހުންގެ މަސައްކަތުގެ ވަގުތައް ތަންދޭ މިންވަރަކުން ހިންގައިދެއްވާނެ ކަމަށާއި، ޚާއްޞަ ގޮތެއްގައި ވަޒީފާގެ މާހައުލުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް މިފަދަ ތަމްރީނުތައް ހިންގަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައި އައިލްސްގެ ފަރާތުން ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސާމީ ވިދާޅުވިއެވެ.