ކުޅިވަރު

ވިކްޓްރީ ހިންގޭނެ ބަޔަކާއި ޓީމު ހަވާލުކުރަން ޖެހޭ: ސުޒޭން


ކުޅުންތެރިން ހަމަނުވެގެން މެޗުތައް ނުކުޅެވޭ ހާލަތަށް ގޮސްފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ މެނޭޖްމަންޓުން އެޓީމު ހިންގޭނެ ބަޔަކާއި ހަވާލުކުރަން ޖެހޭ ހާލަތަށް މިހާރު ކަންކަން ގޮސްފައިވާކަމަށް ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ.

އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ސުޒޭން ބުނީ، ވިކްޓްރީ ހޯދާފައިވާ ކާމިޔާބީތައް ހަލާކުކޮށްނުލާ ކްލަބަށް ރަނގަޅު ގޮތެއް ހަދައިދިނުމަށް އެދޭކަމަށާއި، އެއީ އަދި ކޮންމެ މީހަކު މެނޭޖްމަންޓަށް އައިސްގެން ކަމުގައިވިޔަސް ވިކްޓްރީގެ ހާލަތު ރަނގަޅުކުރުމަށް މެނޭޖްމަންޓުގައި އެދޭކަމަށެވެ. އަދި ކުޅުންތެރިންނާއި ވާހަކަ ދައްކައިގެން ނަމަވެސް މެޗަށް ޓީމު ހަމަކުރުމުގެ މަސައްކަތް ކުރުމަށް ސުޒޭން ވަނީ ވިކްޓްރީގެ މެނޭޖްމަންޓަށް ގޮވާލާފައެވެ.

ސުޒޭން ބުނީ ކުރިން ވިކްޓްރީ ޓީމު ހަމަނުވުމުގެ ސަބަބެއްގެ ގޮތުގައި އެޓީމުން ފާހަގަކުރަމުން އައީ 19 އަހަރުން ދަަށުގެ ޤައުމީ ފުޓްބޯޅަ ޓީމާއެކު އެޓީމު ކުޅުންތެރިންތަކެއް ޤައުމުން ބޭރަށް ދިއުމާއި، މާލޭގައި ތިބި ބައެއް ކުޅުންތެރިން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވުމެވެ. މި ސަބަބުތަކަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ކޯޗު ސުޒޭން ބުނީ، މިހާރު ޒުވާން ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންވެސް މިހާރު އެބަތިބިކަމަށާއި، މި ހާލަތުގައި މެޗެއް ކުޅެވޭ ވަރަށް 11 ކުޅުންތެރިން ހަމަނުކުރެވުމަކީ ހިތާމަކުރާކަމެއްކަމަށެވެ.

ސުޒޭން ބުނީ ހުރިހާ ކަމެއްގެ ޒިންމާ އެފްއޭއެމްގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި އަމިއްލައަށް އެކަމުގެ ޒިންމާ ނަގައިގެން ޓީމު ހަމަނުކުރެވޭނަމަ، އެކަން ކުރެވޭނެ ބަޔަކަށް ޓީމު ހަވާލުކުރުމަށް އެދޭކަމަށެވެ. އަދި ވިކްޓްރީއަކީ ވަކި މީހަކު ހުރެގެން ހިންގަން ޖެހޭނެ ކްލަބެއް ނޫންކަމަށާއި، މީގެ ކުރިންވެސް އެތައް ޗެއާމަނުންތަކެއް އައިސް ކާމިޔާބުކަމާއިއެކު ވިކްޓްރީ ކުރިޔަށްދިޔަކަން ސުޒޭން ފާހަގަކުރިއެވެ.

"ކުރިން ވިކްޓްރީއިން ދެއްކީ އެފްއޭއެމްއާއި ހެދި އެމީހުނަށް މެޗު ނުކުޅެވޭ ވާހަކަ. އެފްއޭއެމް މީހުން ކޮންމެވެސް ހުރަސްތަކެއް އަޅާ ވާހަކަ. ޝެޑިއުލް ބަދަލު ނުކޮށްދިންކަމުގެ ވާހަކަ. މިހާރު އެ އޮތީ ޒުވާން ޓީމުގައި ހިމެނުނު ކުޅުންތެރިންވެސް ޓީމާއި ގުޅިފައި. ދެން ނޭންގެ މިހާރު ކިޔަނީ ކީކޭ ކަމެއް. އަޅުގަނޑު އެދެނީ އަޅުގަނޑުމެން ވިކްޓްރީގައި ކޮށްފައި ހުރި މަސައްކަތް ހަލާކުކޮށްނުލާ ކްލަބަށް ރަނގަޅު ގޮތެއް ހަދައިދޭށޭ. ނުވަންޏާ ކޮންމެ ބޭފުޅަކުވެސް ވަޑައިންނަވާށޭ. މީކީ ވަކި މީހަކު ހިންގަން އޮތް ކްލަބެއް ނޫން". ސުޒޭން ބުންޏެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ކުޅުންތެރިން ހަމަނުވެގެން މެޗަށް ހާޒިރުވެފައެއް ނުވެއެވެ. މިއީ މިދިޔަ ދެ އަހަރު ތެރޭ ވިކްޓްރީން ހާޒިރުނުވެދިޔަ ފަސް ވަނަ މެޗެވެ. މި ސީޒަނުގައި ގްރީން ސްޓްރީޓްސް އާއި ށ. ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗަށް ވެސް ވިކްޓްރީ ޓީމު ހަމަވެފައިނުވެ އެވެ. މި މެޗުތަކަށް ހާޒިރު ނުވުމުގެ ސަބަބުން އެފްއޭއެމްއިން ވަނީ ވިކްޓްރީ ޖޫރިމަނާވެސް ކޮށްފައެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ ދެން ކުޅެން ޖެހޭ މެޗަކީ ފ.ނިލަންދޫއާއި ދެކޮޅަށް ހޮނިހިރު ދުވަހު ހަވީރު ކުޅެން ޖެހޭ މެޗެއެވެ.