ޚަބަރު

ހައިކޯޓްގެ ދެކުނު ގޮތްޕަށް ފަނޑިޔާރުން ކަނޑައަޅައިފި


ހައިކޯޓްގެ ދެކުނު ގޮތްޕަށް އެކޯޓްގެ ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު ޑޮކްޓަރ- އަޒް މަރިލްޑާ ޒާހިރާއި، ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިއްޔާ ކަނޑައަޅައިފިއެވެ.ކޯޓްތަކުގެ ގާނޫނަށް މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ގެނައި އިސްލާހްގެ ދަށުން މާލޭގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައިކޯޓްގެ ދެ ގޮފި ހުންނަންޖެހެއެވެ. އެސަރަހައްދުގެ މެޖިސްޓްރޭޓް ކޯޓްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރަންޖެހޭނީ މި ގޮފިތަކަށެވެ. އަދި މިގޮފިތަކުގައި ހިމެނޭ އަތޮޅުތަކާއި އެ ގޮފިތަކުގައި ތިއްބަވާނެ ފަނޑިޔާރުން ކަނޑައަޅާނީ ސުޕުރީމްކޯޓުންނެވެ.ދެކުނުގައި ގައިމްކުރާ ގޮފި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ މީދޫގައެވެ. އުތުރުގެ ގޮފި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ދިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައެވެ.ހައިކޯޓްގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ދެކުނުގެ ގޮއްޕަށް ކަނޑައަޅަފައިވާއިރު މިތިން ފަނޑިޔާރުންނަކީވެސް ދެހާސް އެގާރަވަނަ އަހަރު ހައިކޯޓާއި ގުޅިވަޑއިގެން ބޭފުޅުންނެވެ.ދެކުނު ގޮފީގެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ އައްބާސް ޝަރީފާއި ޝުއައިބް ހުސެއިން ޒަކަރިއްޔާ އަކީ މިހާރު އެކޯޓްގައި ހިގަމުންދާ ކުރީގެ ޑިފެންސް މިނިސްޓާރ ކާނަލް ނާޒިމްގެ އިސްތިއުނާފް މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުގައިވެސް ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އަނެއްކޮޅުން ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ހައިކޯޓްގެ ދެކުނު ގޮފީގެ އިމާރާތުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެކޯޓްގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އެ ޑިޕާރޓްމެންޓުން ބުނެއެވެ.