ޚަބަރު

ފިޔަވައްޗަށް މިނީ ބަހެއް ގަތުމަށް ޖަޕާނު ސަރުކާރުން 48،000 އެމެރިކާ ޑޮލަރުގެ އެހީއެއް


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ފިޔަވަތީގައި ތިބޭ ކުދިންނަށް މިނީ ބަހުގެ ޚިދުމަތް ދިނުމަށް ޖަޕާނު ސަރުކާރުން 48،500 އެމެރިކާ ޑޮލަރު ނުވަތަ 727،500 ދިވެހި ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

މާގިރި ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ފިޔަވަތީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޒީނާ ޤާއިމް އެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކީކޯ ޔަނާއިއެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން ފިޔަވަތީގެ ސީއީއޯ ޒީނާ ޤާސިމް ވިދާޅުވީ މިހާރު އެތަނުގައި 112 ކުދިން ބަލަހައްޓަމުންދާއިރި އޭގެ ތެރޭގައި ސްކޫލަށްދާ އުމުރުގެ 80 އަށްވުރެ ގިނަ ކުދިން އެބަތިބިކަމަށެވެ. އަދި ޖަޕާނު ސަރުކާރުން ވެދިން އެހީއާއެކު އެކުދިން ސްކޫލަށާއި އެހެނިހެން ހަރަކާތްތަކަށް ގެންދިއުމުގެ އިތުރުން ހޮސްޕިޓަލަށާއި ތެރަޕީ ނެގުމަށް މާލެ ގެންދިއުމަށްވެސް ލުއިފަސޭހަތަކެއް ވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ޒިނާ ވަނީ މި ބަސްތައް ބޭނުންކުރުމުގައި ހަމައެކަނި ޙިދުމަތްދޭނީ ފިޔަވަތީގެ ކުދިންނަށް އެކަނިކަން ޔަޤީންކޮށްދެއްވާފައެވެ.

މި އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކީކޯ ޔަނާއި ވިދާޅުވީ ޖަޕާނު ސަރުކާރުން ވެދިން އެހީއާއެކު ފިޔަވަތިން ކުރާ މަސައްކަތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ފިޔަވައްޗަށް މިނީ ބަހުގެ ޚިދުމަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ދޭން ފެށޭވަރުވާނެކަމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ވިދާޅުވެއެވެ.

ފިޔަވަތީގައި މިހާރު ބަލަހައްޓާ ކުދިން ތަންތަނަށް ގެންދިއުމަށް ބޭނުންކުރަނީ އާންމު ދަތުރުފަތުރުގެ ނިޒާމާއި ޓެކްސީގެ ޙިދުމަތްތައްކަމަށް ފިޔަވަތިން ބުނެއެވެ.