ވިޔަފާރި

ސަފާރީތައް އަޅާނެ ފަޅެއް އަންނަމަހު ކަނޑައެޅޭނެ - އިކޮނޮމިކް މިނިސްޓަރ


ކުރިއަށްއޮތް މަހެއްހާ ދުވަހުގެތެރޭ ސަފާރީތައް އެޅުމަށް ފަޅެއް ކަނޑައެޅިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީ ޒަމާނީވެ، ސަފާރީތަކުގެ ސައިޒް ބޮޑުވަމުން އަންނައިރު، އެ އުޅަނދުތައް ބަނދަރުކުރުމަށް އެކަށީގެންވާ ފަޅެއް ނެތުމަކީ މިދާއިރާގައި އުޅޭ ފަރާތްތަކުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އަދި މިކަމަށް ޙާއްސަކޮށްގެން ފަޅެއް ކަނޑައެޅުމަކީ މި ސަރުކާރުގެ އެއް ވައުދުވެސްމެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ، ކުރިއަށްއޮތް މަހެއްހާ ދުވަސްތެރޭ ސަފާރީތައް އެޅުމަށް ފަޅެއް ކަނޑައެޅި އޭގެ ޕްލޭނިންގ މަސައްކަތް ފެށުމަކީ އަމާޒެއްކަމަށެވެ. މީގެކުރިންވެސް މިހެން ވިދާޅުވެފައިވާކަމަށާއި ނަމަވެސް މިއަހަރު ނިމުމުގެ ކުރިން މިކަން ވެގެންދާނެކަމުގެ އުންމީދު ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާތަނަށްވެސް މިކަން ނުކުރެވި ލަސްވަނީ ރަނގަޅު ފަޅެއް ނުލިބިގެންކަމަށެވެ. އަދި ސަފާރީ އިންޑަސްޓްރީގެ ފަރާތްތައް ބޭނުންވަނީ މާލެއާއި ހުޅުމާލެއާއި ކައިރީގައި އެ ބަނދަރު ހެދުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލާލި އިރުގައި މާލެ އަތޮޅުގައި އެކަން ކުރެވޭވަރުގެ އެވެއިލަބަލް ފަޅެއްނެތް އަޅުގަނޑުމެން ހަވާލުވި އިރަކުއެއް. އަޅުގަނޑުމެން ފަޅެއް ކަނޑައެޅިން. އިޢުލާންކުރުމާއި ހަމައަށްދިޔައިރު އަޅުގަނޑުމެންނަށް އިނގުނީ އޭގައި ޤާނޫނީ މައްސަލަތަކެއް އެބަހުރިކަން. އަޅުގަނޑުގެ އުންމީދަކީ ކުރިއަށްއޮތް މަހެއްހައި ދުވަސްތެރޭ އިރާދަކުރެއްވިއްޔާ ފަޅެއް ކަނޑައެޅި އޭގެ ޕްލޭނިންގ މަސައްކަތް ފެށުން" މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު 150 އަށްވުރެ ގިނަ ސަފާރީ އޮފަރޭޓްކުރަމުން އަންނައިރު މިގެތެރެއިން ގިނަ އުޅަނދުތައް ބަނދަރުކުރަނީ ހުޅުމާލޭ ފަޅުތެރޭގައެވެ. ނަމަވެސް މިކަމުގައި ދަތިތަކެއް ދިމާވަމުން އަންނަކަމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަނުން ބުނެއެވެ. ނަމަވެސް ސަރުކާރުން ސަފާރީތައް އެޅުމަށް ފަޅެއް ކަނޑައެޅުމުން އެ އެސޯސިއޭޝަނުން އެތަން މެރީނާއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.