ޚަބަރު

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ކޯހުގެ ފީ އެކުދިންގެ އަތަށް ދެނީ


ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީ ކޮލެޖް ތަކަށާއި ޔުނިވަރސިޓީތަކަށް ދިނުމުގެ ބަދަލުގައި ދަރިވަރުންނަށް އެ ފައިސާ ދޫކުރާގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް މި އުސޫލަށް އަމަލުކުރަން ފަށާނެ ވަކި ތާރީޚެއް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.

ހިލޭ ޑިގްރީއަށް ކިޔެވޭ ޕްރޮގްރާމް ތަޢާރަފްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއާއެކު މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށައަޅާ ފަރާތްތައް އައީ އިތުރުވަމުންނެވެ. އަދި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ދިޔައީ މި ޕްރޮގްރާމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ކޯހުގެ ފީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެ ދަރިވަރަކު ކިޔަވާ ކޮލެޖަކަށް ނުވަތަ ޔުނިވަރސިޓީއަށް ދޫކުރާ ގޮތަށެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަން ވިދާޅުވީ ކޯހުގެ ފީ މިހާރު ޔުނިވަރސިޓީތަކަށް ދޫކުރަމުންއައި ނަމަވެސް އެ އުސޫލަށް ބަދަލުގެނެސް ދަރިވަރުންގެ އަތަށް އެ ފައިސާ ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ޢަމަލުކުރަމުންދާ ގޮތުން ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ލިބެންޖެހޭ އިންވޮއިސްތައް ލިބުން ލަސްވެ ދަތިތައް ކުރިމަތިވާކަމަށެވެ. އެހެންކަމުން ދަރިވަރުންގެ އަތަށް ފައިސާ ދޫކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ ދަރިވަރުންނަށްވެސް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ އިންތިޒާމެއް ހަމަޖެހިގެންދާއިރު ކޮންމެ ސެމިސްޓަރއެއް ފެށޭއިރު، އެ ސެމިސްޓަރއަކަށް ދަރިވަރުން ދައްކަންޖެހޭ ފީ އެ ދަރިވަރުންގެ އަތަށް މިނިސްޓްރީން ދޫކުރެވޭނެ ކަމަށެވެ.

ހިލޭ ޑިގްރީ ޕްރިގްރާމަށް މިހާތަނަށް 24 މިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ. އެގޮތުން މިހާތަނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު 5600އަށްވުރެ ގިނަ ދަރިވަރުންނަށްވަނީ ދީފައެވެ. ހަޔރަ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 3800 ދަރިވަރުންނަށް އިންވޮއިސްއާއި 1800 ކުދިންގެ ރިފަންޑް ހަމަޖައްސައި ދީފައިވާކަމަށެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތަކީ ސަރުކާރުން އެކަމަކަށް ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ކަމެކެވެ. މިކަމަށް 156 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

މި ޕްރޮގްރާމްގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެއެވެ. އަދި އަމިއްލަ ކޮލެޖުތަކުން ޑީގްރީއަށް ކިޔަވާ ދަރިވަރުންގެ ކޯހުގެ %40 އާއި %60 އާ ދެމެދުގެ ޢަދަދެއް ސަރުކާރުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.