ދުނިޔެ

ނިއުކްލިޔަރ ދާއިމީ އެއްބަސްވުމަކަށް ދެވިދާނެކަމުގެ އުންމީދުގައި


މިހިނގާ ޖޫންމަހުގެ ތިރީހުގެ ކުރިން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ނިއުކްލިޔަރ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އީރާނުން ބުނެފިއެވެ.އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމަށް ޖެނީވާގައި ކުރިޔަށްދާ ވަހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އެގައުމުގެ ޚާރިޖީ ވަޒީރު ޑޮކްޓަރ މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ ހައްލުކުރަންޖެހޭ މައްސަލަތައް އަދިވެސް އެބަހުރި ކަމަށާ މީގެތެރޭގައި ޓެކްނިކަލް މައްސަލަތަކާއި ސިޔާސީ މައްސަލަތައްވެސް ހިމެނޭކަމަށެވެ.މިމައްސަލަތަކާއެކުވެސް ދާއިމީ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށް އީރާނުގެ އިތުރުން ދުނިޔޭގެ ބޮޑެތި ބާރުތައްވެސް ބޭނުންވާ ކަމަށާ ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތްކުރަނީ މިމަގްސަދް ހާސިލް ކުރުމަށް ކަމަށެވެ.ޒަރީފް ވިދާޅުވީ މި މަހުގެ ތިރީހުގެ  ކުރިން ދާއިމީ އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެނަމަ ވާހަކަތަކުގެ މުއްދަތު އިތުރުކުރުމާމެދުވެސް ވިސްނަމުންދާކަމަށެވެ. މި މަހުގެ ތިރީހުގެ ކުރިން ދާއިމީ އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެނަމަ އީރާނުގެ ނިއުކްލިޔަރ ވާހަކަތަކުގެ މުއްދަތު އިތުރުކުރެވިދާނެ ކަމުގެ އިޝާރާތެއް އެމެރިކާއިންވެސް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.