ވިޔަފާރި

ކަނޑުއުޅަނދުގެ މައުލޫމާތު ވަގުތުން ބަލާލެވޭ ޚިދުމަތެއް ދިރާގުން ތަޢާރަފްކޮށްފި


ކޮންމެތާކު ހުރެގެންވެސް ކަނޑު އުޅަނދުފަހަރުގެ އެންމެ ފަހުގެ މައުލޫމާތު ބަލާލެވޭނެ "ޓްރެކިން ސާވިސް"އެއް ދިރާގުން ތައާރަފްކޮށްފިއެވެ.

މި ހިދުމަތް ތައާރަފް ކޮށްދެއްވީ މޯލްޑިވްސް މެރިން އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލްއެވެ.

ދިރާގުން ތަޢާރަފްކުރި "ޓްރެކިންގ ސަރވިސް"ގެ ސަބަބުން އުޅަނދުތަކުގެ ވެރިންނަށް ލުއިފަސޭހަވެ، އުޅަނދުގެ އެންމެ ފަހުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ޙިދުމަތުގެ ބޭނުންކޮށްގެން އުޅަނދުގެ ދުވެހި ހުރި މިންވަރާއި، ތެޔޮ ބޭނުންކުރާ މިންވަރާއި، އުޅަނދު އޮތްތަން ބަލާލެވޭނެކަމަށެވެ.

ދިރާގުގެ ޓްރެކިން ސާވިސް ތައްޔާރުކޮށްފައިވަނީ ކަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ އެކަން އަވަހަށް އަންގާލެވޭނެ ގޮތަށެވެ. އެގޮތުން، ދިރާގުގެ ޓްރެކިން އެޕުގައި އިންނަ "ޕެނިކް" ފިތަށް ފިއްތާލުމުން އިމަޖެންސީ ނަންބަރަށް ވަގުތުން ގުޅާލެވޭނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގައި ހުރި ދިރާގުގެ ސްޓޯލުން މި ޙިދުމަތާއި ގުޅޭ މައުލޫމާތު ލިބިގެންދާނެކަމަށްވެސް ދިރާގުން ބުނެއެވެ.