ޚަބަރު

ހިލޭ ޑިގްރީ ޕްރޮގްރާމަށް 24 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއްޖެ


ހިލޭ ޑިގްރީ ޕްރިގްރާމަށް މިހާތަނަށް 24 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢާއިޝަތު ޝަފީނާ ވިދާޅުވީ މިހާތަނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަސް ހާސް ހަ ސަތޭކައަށްވުރެ ގިނަ ދަރިވަރުންނަށް ދީފައިވާކަމަށެވެ. އެގޮތުން ތިން ހާސް އަށް ސަތޭކަ ދަރިވަރުންނަށް އިންވޮއިސްއާއި އެއް ހާސް ހަތް ސަތޭކަ ކުދިންގެ ރިފަންޑް ހަމަޖައްސައި ނިންމާފައިވަކަމަށް އޭނާ ވިދާޅުވިއެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތަކީ ސަރުކާރުން އެކަމަކަށް ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ކަމެކެވެ. މިކަމަށް 156 މިލިއަނެއްހައި ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވަނީ ލަފާކުރައްވާފައެވެ
.
މި ޕްރޮގްރާމްގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް މުޅި ކޯސް ހިލޭ ކޮށްފައިވާއިރު، އަމިއްލަ ކޮލެޖުތަކުން ޑީގްރީ ހަދާ ދަރިވަރުންގެ ކޯހުގެ ވަކި އިންސައްތައެއް ސަރުކާރުން ހަމަޖައްސާގޮތަށް ވަނީ މިސްކީމްގައި ހިމަނާފައެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ކޯސް ފީ ހިލޭކޮށްދެނީ ސާޅީސް އިންސައްތަ އާއި ފަސްދޮޅަސް އިންސައްތައާ ދެމެދުގެ ޢަދަދުންނެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވަނީ ޑިގްރީގެ ޕްރޮގްރާމްގެ އިތުރަށް މަތީ ތަޢުލީމް ޙާސިލްކުރުމަށް ދަރިވަރުންނަށް ދޭ ލޯންސްކީމަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން މި ސަރުކާރުގެ މިހާތަނަށްވެސް ލޯނުގެ ފުރުޞަތުގެ ގޮތުގައި ފަސް ސަތޭކަ ފަސްދޮޅަސް ހަތް ފުރުޞަތު ދޫކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ 2018ވަނަ އަހަރާއަޅާބަލާއިރު ބޮޑު ޢަދަދެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވި ސަރުކަރުން މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވީ މިއހަރުގެ ތެރޭގައި ލޯނުގެ އިތުރު ބުރެއް ހުޅުވާލުމަށްކަމަށެވެ.

ސަރުކާރުން އެންމެ ފަހުން ހުޅުވާލި ފުރުޞަތުގައި ވަނީ 245 ފުރުޞަތު ދީފައެވެ. ދަރިވަރުން ބޭނުންވާ ކޮންމެ ޤައުމެއްގެ ސްކޮލަޝިޕްއަކަށް އެދި ލޯނު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް ސަތޭކަ އިންސައްތަ ލޯނު ކަވަރުކުރަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅުއްވާ ޤައުމުތަކުންނެވެ. މީގެ އިތުރުންވެސް ސަރުކާރުންވަނީ ލޯން ސްކީމަށް ލުއިފަސޭހަ ގޮތްތަކެއް ގެނެސްފައެވެ. މިގޮތުން ލޯންގެ އިޓްރަސްޓް ރޭޓް ކުޑަކުރުމާއި ލޯނަށް ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.