ޚަބަރު

ޓީޗަރސް ރިސޯސް ސެންޓަރުތަކުގެ މަސައްކަތް ހަރުދަނާކުރުމަށް ޕްލޭނެއް ހަދަނީ


އަތޮޅުތަކުގައި ހުރި ޓީޗަރސް ރިސޯސް ސެންޓަރުތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންހިފޭނެ ގޮތުގެ ޕްލޭނެއް ހެދުމުގެ މަސައްކަތް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއިން ފަށައިފިއެވެ.

ސެންޓަރުތައް ރަނގަޅަން ހިންގައިގަތުމާއި ގުޅޭ ޕްލޭނެއް ތައްޔާރުކުރުމަށް ސެންޓަރުގެ އިސް ފަރާތްތަކާއިއެކު އެންއައީއިންވަނީ 3 ދުވަހުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި މަސައްކަތުގައި ކޮންސަލްޓަންޓެއްގެ ގޮތުން މަސައްކަތް ކުރައްވަނީ ޑރ.އަޙްމަދު އަދީލް ނަސީރުއެވެ. އެންއައިއީން ވިދާޅުވެފައިވަނީ އަތޮޅުތަކުގައި 20 ޓީޗަރސް ރިސޯސް ސެންޓަރު ހުރިއިރު، މީގެތެރެއިން މިހާތަނަށް އައިއިރު ބޭނުންކުރަމުންދަނީ 10 ސެންޓަރުކަމަށެވެ.

ބައްދަލުވުމުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ ނިމިދިޔަ އަހަރުތަކުގައި ސެންޓަރުތައް ރަނގަޅަށް ހިންގޭނެގޮތެއް ނެތި 10 ސެންޓަރުގެ މަސައްކަތް އެއްކޮށް ހުއްޓާލާފައިވާކަމަށެވެ. އަދި މިއީ ސްކޫލްތަކުގެ ކުރިއެރުމާއި، ނިޒާމަށް އަންނަ ކުރިއެރުންތަކާއިއެކު ޓީޗަރުންނާއި ސްކޫލްތަކަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީން ލިބުމަށްވެސް ހުރަހަކަށް ވެގެންދިޔަކަމަށެވެ. ނަމަވެސް މިހާރު އަނެއްކާވެސް ލުއި ފަސޭހަތައްދީ ސްކޫލްތަކަށް ގޮސް އޮބްޒަރވް ކުރެވޭނެ މަގު ފަހިކޮށްދެވިފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.

"މި ތައްޔާރު ކުރާ މޮޑެލް ފައިނަލްވުމުން މިނިސްޓްރީއިން އެޕްރޫވްކޮށް މަސައްކަތް ފަށާނަން. ބޭނުންވަނީ މުދައްރިސުންނަށް ލިބޭ ކުރިއެރުން، ދަރިވަރުންގެ ނަތީޖާއިން ފޭންނާނެ ގޮތެއް ހެދުން. މިއަހަރު މި ގެންނަ ބަދަލުތަކުގެ ނަތީޖާ އަންނަ އަހަރު ފެނިގެންދާނެ." އަބްދުﷲ ރަޝީދް ވިދާޅުވިއެވެ.

މިޕްލޭން އެޕްރޫވްކޮށް ސެންޓަރުތަކުގެ މަސައްކަތް އަނެއްކާވެސް އަވަހަށް ފަށައިގަނެވޭނެކަމަށް އެންއައިއީންވަނީ ވިދާޅުވެފައެވެ.