ވިޔަފާރި

5ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި


މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފިއެވެ. މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.

5ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓްރ ފައްޔާޟު އިސްމާޢީލެވެ. އެކްސްޕޯ ފަށްޓަވައިދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟު ވިދާޅުވީ، ސަފާރީ އިންޑަސްޓްރީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅަކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރިބައެއްކަމަށެވެ. ފަތުރުވެރިންނަށް މުޅި ދިވެހިރާއްޖެ ދެއްކި ބަޔަކީ ސަފާރީ އިންޑަސްޓްރީކަމަށެވެ. އެގޮތުން މި ސަރުކާރުން ފަތުރުވެރިކަމުގެ އެކި ސިޔާސަތުތައް ކަނޑައެޅުމުގައި ލިވަބޯޑްތަކުގެ އަޑު އަހާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. އަދި ސަފާރީ ސިނާއަތުން ސަރުކާރަށް ރަނގަޅު އާމްދަނީއެއް ލިބޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަފާރީ ސިނާއަތާއި ގުޅުންހުރި 300 އެއްހައި އުޅަނދު އެބައުޅޭ. ދައުލަތައް ލިބޭ މަންފާއަށް ބަލާލާއިރު ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ އިކޮނޮމީގައި އެބަ ދައުރުވޭ. އަދި ޓެކްސްގެ ގޮތުގައިވެސް ރަނގަޅު އާމްދަނީއެއް ސަރުކާރަށް އެބަ ލިބިގެންދޭ. 8000 ދިވެހިން މި ސިނާއަތުގައި އެބަ މަސައްކަތްކުރޭ." މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

މިއަހަރުގެ އެކްސްޕޯގައި 30 އެގްޒިބިޓަރުން ބައިވެރިވެއެވެ. އަދި 52 ސްޓޯލް ބަނީ ދަރުބާރުގޭގައި ބަހައްޓާފައެވެ. މިއެކްސްޕޯގެ ތެރެއިން މި ދާއިރާގައި މަސައްކަތްކުރާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިގޮތުން ތަކެތި އުފައްދާ ފަރާތްތަކާއި ތަކެތި ގަންނަ ވިޔަފާރިތައް ގުޅުވާލަދީ، އާ އުފެއްދުންތައް މާކެޓްކުރުމަށް ފަހި ފުރުޞަތެއް ޤާއިމްވެގެންދާނެކަމަށް މެރިން އެކްސްޕޯ އިންތިޒާމްކުރާ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.

މިއަހަރުގެ އެކްސްޕޯގައި އެންމެ ބޮޑު ތަފާތަކީ ކުރިން ދަރުބާރުގޭގައި ޑިސްޕްލޭކުރި މެރިން ދާއިރާގެ އުޅަނދުތައް މިފަހަރު މޫދުގައި ޑިސްޕްލޭ ކުރުމެވެ. ދަރުބާރުގޭގައި ޑިސްޕްލޭ ކުރިއިރު ބައެއް އުޅަނދުތައް އެހެލައިގެން ގެންނަން އުނދަގޫވުމުގެ ޝަކުވާ ގިނަ ފަރާތްތަކުން ކުރިކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މަސްވެރިންގެ ޕާކު ކުރިމަތީގައި އުޅަނދުތައް ޑިސްޕްލޭ ކޮށްފައިވާއިރު މި އުޅަނދުތަކަށް އަރައި ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް އާންމުންނަށް ލިބިގެންދާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މިއަހަރުގެ މެރިން އެކްސްޕޯ މި މަހުގެ 18 އިން 20 އަށް ކުރިއަށްދާއިރު އެކްސްޕޯގެ ތެރެއިން "މެރިން ޓޯކްސް" އާއި "މެރިން ވޯކްސް" އެއް ކުރިއަށްދާނެއެވެ. މެރިން ޓޯކްސްގައި ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ވާހަކަދައްކާނެއެވެ. އަދި މެރިން ވޯކްސްގައި މެރިން ދާއިރާގެ މީހުން ބޭނުންކުރާ އެކި ހެދުންތައް ދައްކާލާނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ މިފަހަރު ޚާއްސަކޮށްފައިވަނީ "މެރިން ޓެކްނޮލޮޖީ" މި ތީމަށެވެ. މި ތީމްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ބޯޓިންގ އަދި މެރިން އިންޑަސްޓްރީ ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ދިރާސާ ކުރެވިގެންދާނެކަމަށް ބޯޓިންގ އެސޯސިއޭޝަނުން ބުނެއެވެ.