ޚަބަރު

އެންއައިސީގެ މެމްބަރުކަމަށް ލީޝާ ނޫން ހުރިހާ ނަމެއް ތަޅުމަށް ފޮނުވަން ފާސްކޮށްފި


ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންނާއި ކުރެއްވި އިންޓަރވިއުއަށްފަހު ހައްވާ ލީޝާ ފިޔަވައި އެނެއް 3 ބޭފުޅުންގެ ނަން މަޖިލިސް ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި މިއަދު ކުރިއަށްދިޔަ އިންޓަރވިއުގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވި 4 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޝުޢައިބް ޢަބްދުއްރަހުމާނާއި އަޙްމަދު ޖިހާދާއި މަރިޔަމް ޝަހުނީޒާ ނަސީރުގެ އިތުރުން ހައްވާ ލީޝާއާއި އިންޓަވިއުކޮށްފައިވެއެވެ. އިންޓަވިއުތަކަށްފަހު ކޮމިޓީގައި ނެގި ވޯޓުން ފާސްވީ ލީޝާފިޔަވައި ދެން ތިއްބެވި 3 ބޭފުޅުންގެ ނަން ތަޅުމަށް ފޮނުވުމަށެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެކޮމިޝަނުގެ ރައީސްކަން ކުރެއްވި މެމްބަރު މުޙައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ.

އެކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި 26 މީހަކު ވަނީ ކުރިމަތިލާފައެވެ. ނަމަވެސް މިނަންތައް ރައީސުލް ޖުމްހޫރިއްޔާ ފޮނުވާފައިވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހަށް ކަމަށްވުމުން އެންއައިސީއަށް އަލުން ކުރިމަތިލާން ހުޅުވާލައި 19ވަނަ މަޖިލީހަށް ހުށަހެޅުއްވުމަށް މަޖިލީހުން ވަނީ ލަފާއަރުވާފައެވެ. މިއާއެކު މިމިޤާމަށް އަލުން ހުޅުވާލީ ޖުލައި މަހުގެ 29ވަނަ ދުވަހުއެވެ.