ޚަބަރު

ޕާޓީތަކުގެ ދަފްތަރު ބެލަހައްޓަނީ ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން - އިލެކްޝަން


ޕާޓީތަކުގެ ދަފްތަރު ބަލަހައްތަމުންދަނީ ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުގެ ދަފްތަރު އެކަށީގެންވާ ގޮތަށް ނުބެލެހެއްޓޭކަމަށްބުނެ އިދިކޮޅު ޕީޕީއެމްއިން ދެއްކެވި ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަޙްމަދު އަކުރަމް ވިދާޅުވީ ޤާނޫނުގައިވާގޮތަށް ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓޭނެ އިންތިޒާމު އިލެކްޝަން ކޮމިޝަންގައި ހަމަޖެހިފައިވާކަމަށެވެ.

ސިޔާސީ ޕާޓީތަކާއިމެދު އިލެކްޝަނުން ޢަމަލުކުރަމުންދަނީ ޤާނޫނުގައިވާގޮތިގެ މަތީންކަމަށާ، އެއްވެސް ޕާޓީއަކާއިމެދު ވަކިގޮތަކަށް އަމަލުކުރަމުން ނުދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕީޕީއެމްއިން މެމްބަރުން މަދުވަމުންދާކަމަށްބުނެ އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅައި އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން، އެކޮމިޝަނުން ވާނީ ޕާޓީގެ ތަކުގެ ދަފުތަރު ބެލެހެއްޓުމުގައި އަމަލުކުރަމުންދާގޮތް ޕީޕީއެމްއަށް ސާފްކޮށްދެއްވާފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަކީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރުމުގައި އެންމެބޮޑަށް ބަލާ އެއްކަންތަކެވެ. ޕާޓީތަކަށް ފައިސާ ދޫކުރަމުންދަނީ އިލެކްޝަނުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ޕާޓީތަކަށް އެކަންޏެވެ. ދައުލަތުގެ ބަޖެޓުން 0.1 އިންސައްތަ ސިޔާސީ ޕާޓިތަކަށް ކޮންމެ އަހަރެއްގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އަންނަނީ ދޫކުރަމުންނެވެ.