ޢިރާޤުގައި ހިނގާދިޔަ މުޒާހަރާތަކުގައި 149 ރައްޔިތުން މަރުވެފައިވަނީ ސަލާމަތީ ބާރުތަކުން ނަހަމަގޮތުގައި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރުމުންކަމަށް ތަޙުޤީޤު ރިޕޯޓެއްގައި ބުނެފިއެވެ. މަރުވި މީހުންގެ ތެރެއިން %70 މީހުން މަރުވެފައިވަނީ ބޮލަށާ މެއަށް ވަޒަންއަރައިގެންކަމަށް އެ ރިޕޯޓުގައިވަނީ ބުނެފައެވެ.
މައްސަލައާއި ގުޅިގެން އެކުލަވާލުވުނު ރިޕޯޓުގައި ބޮޑުވަޒީރު އާދިލް ޢަބްދުލް މަހުދީއާއި މަތީ ފަންތީގެ ކޮމާންޑަރުން ކުށްވެރިވުމުން އިސްތިސްނާކޮށްފައިވެއެވެ. މުޒާހަރާކުރަމުންދިޔަ މީހުންގެ ގަޔަށް ބަޑިޖެހުމަށް އެއިން އެއްވެސް ފަރާތަކުން އަމުރުކޮށްފައިނުވާކަމަށް އެ ރިޕޯޓުގައިވަނީ ބުނެފައެވެ. މުޒާހަރާތަކުގައި މީހުން މެރި މައްސަލައާއި ގުޅިގެން ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ކޮމާންޑަރުންނަށް ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލް ގެއްލިގެން ދިމާވި ގޮތެއްކަމަށެވެ. އެ ރިޕޯޓުގައި ގޮވާލާފައިވަނީ އެކަމުގައި ކުށްކުރި އޮފިސަރުންގެ މައްޗަށް ޝަރީޢަތް ހިންގައި އަދަބުދިނުމަށެވެ.
އޮކްޓޫބަރު އެއްވަނަ ދުވަހު ޢިރާޤުގައި މުޒާހަރާތައް ފެށެން ދިމާވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ވަޒީފާ ނެތުމާއި އާންމު ޚިދުމަތްތަކުގެ ފެންވަރު ދަށްވުމާއި ކޮރަޕްޝަންގެ މައްސަލަތައްކަމަށް ޚަބަރުފަތުރާ ވަޞީލަތްތަކުން ބުނެއެވެ. ޢިރާޤުގައި ތިބި އައިއެސް ހަނގުރާމަވެރިން ބަލިކޮށްލެވުނުތާ 2 އަހަރު ވީއިރުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށްދެވިފައިނުވާތީ ސަރުކާރަށްވަނީ ޔައްޔިތުންގެ ނުރުހުން އަމާޒުވެފައެވެ.
ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު މަހުދީ މިހާރުވަނީ ކޮމިޓީއެއް އެކުލަވާލާއްވާފައެވެ. ކޮމިޓީގެ މަސައްކަތަކީ މުޒާހަރާކުރަމުންދިޔަ މީހުން އެދެމުންދިޔަ ކަންކަން ރަނގަޅުކޮށްދިނުމެވެ.