ޚަބަރު

ޖަޕާނުގެ ޔަމާކީ ކޯ ލިމިޓެޑުގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރުމާއި ގުޅޭގޮތުން ރައީސް މަޝްވަރާ ކުރައްވައިފި


ޖަޕާނުގެ ޔަމާކީ ކޯ ލިމިޓެޑުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެ ކުންފުނީގެ ރައީސް ޔޮޝިހިރޯއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔަމަކީ ކޯ ލިމިޓެޑްގެ ރައީސް ޔޮޝިހިރޯއާ ބައްދަލުކުރައްވައި މަސްވެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޔަމާކީ ކޯ ލިމިޓެޑްގެ އޮފިޝަލުން ވަނީ އެ ކުންފުނީގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔަމާކީން އައްޑޫގައި ޤާއިމުކޮށްފައިވާ ފެކްޓްރީގައި " ކަޓުސުއޮބުޝި" އުފެއްދުމާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ދިގުމުއްދަތަކަށް ރާއްޖޭގައި އިންވެސްޓްކޮށްފައިވާތީ އެކަން ފާހަގަކުރައްވާ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޔަމަކީގެ ރައީސްގެ އިތުރުން އެކުންފުނީގެ ސީނިއަރ މެނޭޖުމަންޓުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އައްޑޫ ސިޓީގައި ހުންނަ "ޔުއަރ މޯލްޑިވިއަން އައްޑޫ ކަޓުސުސުއޮބުޝި ޕްރައިވެޓް ލިމިޓެޑް" އަކީ ޔަމާކީ ކޯ ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އައްޑޫ ސިޓީގައި ހުންނަ މި ފެކްޓްރީން "ކަޓުސުއޮބުޝި" އުފެއްދުމަށް ރާއްޖޭގެ މަސްވެރިންގެ އަތުން އަހަރަކު 200 ވަރަކަށް ޓަނުގެ މަސް ގަނެއެވެ.

ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެ މުހިންމު ބޭނުންފުޅަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރުޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެޤައުމުތަކުން ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.