ޚަބަރު

ކޮރަޕްޝަން ފޮރުވުމަށް މަސައްކަތްކުރާ ބައިވެރިން ކޯލިޝަނުން ބޭރުކުރަންޖެހޭ - އަފީފް


ސަރުކާރަށް ޖެއްސުންކޮށް އުނދަގޫކުރާ ފަރާތްތައް ސަރުކާރު ކޯލިޝަނުން ބޭރުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ވިލިފުށި ދާއިރާގެ މެމްބަރު ޙަސަން އަފީފް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަފީފް ވިދާޅުވީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ބަދުނާމުކުރުމަށް ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށެވެ. ކޯލިޝަންގެ ވެރިކަމެއްގައި ކޯލިޝަންތެރޭގައި ތިބެ މިފަދަ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތައް ކޯލިޝަނުން ބޭރު ކުރުމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަފީފް ވަނީ ގޮވާލައްވާފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ބައެއް ޕާޓީތަކުން މަސައްކަތް ކުރަމުންދަނީ ޙިޔާނާތާއި ވައްކަން ފޮރުވުމަށްކަމަށް އަފީފް ވަނީ ތުހުމަތު ކުރައްވާފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި، އެނޫންވެސް ކުރީ ސަރުކާރުން ހިންގާފައިވާ ޙިޔާނާތުގެ މައްސަލަތައް ފޮރުވުމަކީ އެއްވެސް ރައްޔިތަކު ޤަބޫލުކުރާނެކަމެއްނޫންކަމަށްވެސް އަފީފް ވިދާޅުވިއެވެ.

އަފީފް ވަނީ މިމައްސަލަތަކުގައި ޝާމިލުވާ ފަރާތަކުގެ މައްސަލަ ބަލަން ތިއްބެވި ފަރާތްތަކުގެ ތެރޭގައިވެސް މި ފައިސާގައި ޖެހިފައިވާ ބޭފުޅުން ތިބިކަމީވެސް އިންސާފު ޤާއިމްކުރުމަށް އޮތް ހުރަހެއް ކަމަށެވެ. ފުލުުހުންނާއި، ސިފައިންގެ ތެރޭގައާއި، ޖުޑިޝަރީގެ އިތުރުން ކެބިނެޓް ވަޒީރުންގެ ތެރޭގައާއި، މަޖިލިސް މެމްބަރުންގެ ތެރޭގައިވެސް ޙިޔާނާތުގެ ފައިސާގައި ޖެހި އެމައްސަލަތައް އޮއްބަން މަސައްކަތް ކުރާ ފަރާތްތައް ތިބިކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މިފަދަ ފަރާތްތައް ސަރުކާރުގައި ތިބެގެން އިޙްލާސްތެރި މަސައްކަތްތަކެއް ނުކުރެވޭނެކަމަށާއި، ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ކުރެވޭނީ ޚިޔާނާތުގެ ފައިސާތަކުގައި ޖެހިފައިވާ ތިބި ފަރާތްތަކާއި މިކަން ފޮރުވަން މަސައްކަތް ކުރާ ފަރާތްތައް ސަރުކާރު ކޯލިޝަނުން ބޭރުކޮށްގެންކަމަށެވެ.