ޚަބަރު

ޖޭއެސްސީއަށް އާއްމުންގެ ފަރާތުން 6 ބޭފުޅަކު ކުރިމަތިލައިފި


ޖުޑިޝަލް ސަރވިސް ކޮމިޝަނަށް އާންމުގެ ތެރެއިން ކަނޑައަޅާ މެމްބަރަކު ހޮވުމަށް ހުޅުވާލި ފުރުޞަތުގައި 6 ބޭފުޅަކު ކުރިމަތިލައިފިއެވެ.

ޖޭއެސްސީއަށް އާންމުގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ ޒުބައިރު އަޙްމަދު މަނިކާއި، ޢަލީ މުޙައްމަދު މަނިކާއި، އަޙްމަދު ނިޤްމާދާއި، އަޙްމަދު ސާވީއާއި، މިރުފަތު ފާއިޒްގެ އިތުރުން ހުސެއިން އަމްރުއެވެ. މިބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރުފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅާ މީހަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.

ޖޭއެސްސީގައި 9 މެމްބަރުން ތިއްބަވާއިރު މިހާރު ހުސްކޮށް އޮތީ އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރުގެ މަޤާމް އެކަންޏެވެ.