ތަޢުލީމު

ޔުނިވާސިޓީން އެމްއީއެސްގެ އިމާރާތުގައި ކިޔަވައިދޭން ފަށައިފި


ކުރީގެ އެމް.އީ.އެސް ހިންގަމުން ދިޔަ އިމާރާތުގެ ބައެއް، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހިންގުމަށް ވަކި މުއްދަތަކަށް ދިނުމަށް ނިންމާފައިވާކަމަށާއި، އެކަމަށް ބޭނުންވާ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެޑިއުކޭޝަން މިނިސްޓްރީން ޤައުމީ ޔުނިވަރސިޓީއަށް އެމް.އީ.އެސް އިމާރާތުން ދޫކޮށްފައިވާ ކްލާސްރޫމުތަކުގައި އިއްޔެވަނީ އެމް.އެން.ޔޫގެ ފަރާތުން ކިޔަވައިދޭން ފަށާފައެވެ.ޕަބްލިކް ސާރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެމް.އީ.އެސް ހިންގި އިމާރާތުން ބައެއް އެމް.އެމްޔޫއަށް ދިނުމަށް ބޭނުންވާ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ކުރައްވަމުންދާކަމަށާއި، މިހަފްތާ ތެރޭ އެއްބަސްވުމުގައި އެމް.އެން.ޔޫއާއެކު ސޮއިކުރެވޭނެކަމަށެވެ.މި އެއްބަސްވުމުގެ ދަށުން އެމް.އީ.އެސްގެ ދެކުނު ވިންގުގެ ހަތަރު ބުރީގައި ހިމެނޭ ކްލާސްރޫމްތަކާއި، ފާޚަނާތައް ދޮޅު އަހަރު ދުވަހަށް، މުއްދަތު އިތުރުކުރެވޭނޭހެން އެމް.އެންޔޫއަށް ދިނުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.ކުރީގެ އެމް.އީ.އެސް ހިންގި އިމާރާތުން އެމް.އެންޔޫއަށް ދީފައިވާ 20 ކުލާސްރޫމުގައި އާދިއްތަދުވަހުން ފެށިގެން ވަނީ ކިޔަވައިދޭން ފަށާފައެވެޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން، އެމް.އެން.ޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، ބާ ޖަމާލުއްދީން އިމާރާތުގައި އެމް.އެންޔޫއިން ހިންގި ފެކަލްޓީތަކުގެ ތެރެއިން ފެކަލްޓީ އޮފް އާރޓްސް ފިޔަވައި އެހެން ހުރިހާ ފެކަލްޓީތަކެއް މިހާރު އެމް.އީ.އެސް އިމާރާތައް ބަދަލުކޮށްފައިވާކަމަށެވެ. އެގޮތުން ފެކަލްޓީ އޮފް ޝަރިއްޔާ އެންޑް ލޯ އަދި ފެކަލްޓީ އޮފް އޯޕަން ލާނިންގގެ ކިޔެވުންތައް އެމް.އީ.އެސް އިމާރާތުގައި ފެށިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، މިނިސްޓްރީން ޔުނިވަރސިޓީއަށް ދޫކޮށްފައިވާ ވިހި ކްލާސް ރޫމުގެ ތެރެއިން ބޭނުންކުރަމުންދަނީ ފަނަރަ ކްލާސްރޫމު ކަމަށާއި، އަނެއް ފަސް ކްލާސްރޫމުގެ މަރާމާތުގެ ކަންކަން ކުރަންޖެހޭތީ، އެކަން މިނިސްޓްރީއަށް މިހާރު ހުށަހަޅާފައިވާކަމަށެވެ. އަދި ޔުނިވަރސިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރީގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީ ހިންގި އިމާރާތާއި، ސޯސަންގެ، ދެއްވުމަށް ސަރުކާރުގައި އެދިވަޑައިގެންފައިވާކަމަށް ޑރ. މުހައްމަދު ޝަރީފް ވިދާޅުވިއެވެ.ފަނަރަ އަހަރަށްފަހު، ބާ ޖަމާލުއްދީން އިމާރާތް ސަރުކާރުން ހުސްކުރުމަށް އަންގާފައިވާއިރު، އެ އިމާރާތުގައި ޤައުމީ ޔުނިވަރސިޓީގެ ބާރަ ސަތޭކައަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލލުކުރަމުންދާކަމަށް ޤައުމީ ޔުނިވަރސިޓީން މައުލޫމާތުދެއެވެ. ސަރުކާރުން ވަނީ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރުމަށް މިމަހުގެ ތިރީހުގެ ނިޔަލަށް ޤައުމީ ޔުނިވަރސިޓީއަށް މުއްދަތު އިތުރުކޮށްދެއްވާފައެވެ.