ޚަބަރު

އީސީގެ މެމްބަރުކަމަށް ނާޒިމް ނޫން ހުރިހާ ނަމެއް ތަޅުމަށް


އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމުގެ މަޤާމަށް އައްޔަންކުރެއްވުމަށް ކޮމިޓީން އިންޓަރވިއު ކުރި ބޭފުޅުން ތެރެއިން ނާޒިމް ފިޔަވައި އަނެއް 3 ބޭފުޅުންގެ ނަން މަޖިލިސް ތަޅުމަށް ފޮނުވަން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އިއްޔެ ކުރިއަށް ގެންދިޔަ އިންޓަރވިއުގައި އީސީގެ މެމްބަރުކަމަށް އައްޔަންކުރެއްވުމަސް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 4 ބޭފުޅުންނާއި ވަނީ އިންޓަރވިއު ކޮށްފައެވެ. ރައީސް އިސްކަންދެއްވި ހަތަރު ބޭފުޅުންނަކީ ފުއާދު ތައުފީގާއި، އަމްޖަދު މުސްތަފާއާއި މަރިޔަމް ހަނީފް ޙާލިދްގެ އިތުރުން ހަަސަން ނާޒިމްއެވެ.

މި ބޭފުޅުންގެ ތެރެއިން ހަަސަން ނާޒިމް ފިޔަވައި ދެން ތިއްބެވި ބޭފުޅުންގެ ނަންތައް މަޖިލިސް ތަޅުމަށް ފޮނުވަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ފަށާފައިމިވަނީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްތަފާގެ މެމްބަރުކަމުގެ ދައުރު އަންނަ މަހުގެ 24 ވަނަދުވަހު ހަމަވާތީއެވެ.

އީސީއަށް އައްޔަންކުރެއްވުމަށް ފޮނުއްވެވި ނަންފުޅުތަކުގެ ތެރެއިން ފުއާދު ތައުފީޤަކީ އެކޮމިޝަންގައި ރައީސްކަން ކުރައްވާފައިވާ އަދި ގިނަދުވަސްތަކެއް ވަންދެން އެކޮމިޝަނުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅާ ފުއާދު ތައުފީގުގެ މައްޗަށް ވަނީ 2014ވަނަ އަހަރު 6 މަސް ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމްކޯޓުން އިއްވާފައެވެ. އަދި ފުއާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެކަމަށްވެސް ކޯޓުން ކަނޑައެޅިއެވެ.