ސިޔާސީ

ރައީސްގެ އުމުރާއި ގުޅޭ އިސްލާހު ފާސްވާނެކަން ޔަގީން- ނިހާން


ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުންވެސް ތާއީދުކުރާކަމަށާއި، އެއިސްލާހު ފާސްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެއެވެ.ޕީއެސްއެމްއަށް މަޢުުލޫމާތުދެއްވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ، ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މިއިސްލާހު މިހަފްތާގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށް މަސައްކަތް ފެށޭވަރުވާނެކަމަށެވެ.މިއީ ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާޙަކަށް ވާތީ މި އިސްލާޙް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައި ވޯޓް ބޭނުންވާނެއެވެ. އެއީ އަށްޑިހަ ފަސް މެމްބަރުންގެތެރެއިން ފަސްދޮޅަސް ހަތަރު މެމްބަރުންގެ ވޯޓެވެ.ނިހާން ވިދާޅުވީ، އެއިސްލާހު ފާސްކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވޯޓު ދެއްވާނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ.މިއިސްލާޙާއި ގުޅިގެން ކުރީގެ  ރައީސް އަދި ވެރިކަންކުރާ ޕީޕީީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިޓީފުޅެއް ޕީޕީއެމް ޕީޖީ ގްރޫޕަށް ފޮނުއްވާފައިވެއެވެ.ނިހާން ވިދާޅުވީ، ރައީސް މައުމޫން ފޮނުއްވާފައިވާ ސިޓީއަށް ޕީޖީ ގްރޫޕްގައި މަޝްވަރާކޮށްފައވާާކަމަށެވެ. އެގޮތުން ޕީޖީ ގުރޫޕުން ނިންމާފައިވަނީ، މިއިސްލާހު ބަލައިގަންނަންކަމަށް ވިދާޅުވިއެވެ. އެއީ މިކަމަކީ ޤާނޫނު އަސާސީއާއި، ރާއްޖޭގައި އަމަލުކުރަމުން އައިސްފައިވާ އުސޫލުތަކާއި ޚިލާފްކަމެއެއް ނޫންކަމަށާއި، އެކަން ރައީސް މައުމޫނަށް މިހާރު ދަންނަވާފައިވާކަމަށް ނިހާން ވިދާޅުވިއެވެ.އޭނާ ވިދާޅުވީ، މިއިސްލާހު ގެންނަން އުޅޭކަން ރައީސް ޔާމީނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑާއިގަންނަވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ގެ މަޤާމަށް ކުރިމަތިލެވޭނެ އުމުރަކީ ތިރީސް އަހަރާއި ފަސްދޮޅަސް ފަސްއަހަރާއި ދެމެދުކަމުގައި ކަނޑައެޅުމަށް ހުށައަޅާފައިވާ މިއިސްލާހަށް ތާއީދުކުރުމަށް ޖުމްހޫރީޕާޓިގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ، އެޕާޓީގެ ޕީޖީ ގްރޫޕަށް އަންގާފައިވާކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީންވެސް ރައީސްކަމަށާއި، ނައިބު ރައީސްކަމަށް ކުރިމަތި ލެވޭނެ އުމުރު ދަށްކުރުމަށް ތާއީދުކުރެއެވެ.ގާނޫނު އަސާސީއަށް މިއިސްލާހު ހުށައެޅުމުގެ މަޤްޞަދެއްކަމުގައި އިސްލާހް ހުށަހެޅުއްވި ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރ މުހައްމަދު އިސްމާއީލް ވިދާޅުވެފައިވަނީ، ރައީސް ކަމާއި، ނާއިބު ރައީސް ކަމުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފެންވަރުގެ ގާބިލް، އުފެއްދުންތެރި ޒުވާނުން ތިބިއިރު ވެރިކަންކުރުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވާލުންކަމަށެވެ.