ޚަބަރު

ތަމްރީނު ލިބިފައިވާ މަސައްކަތްތެރިން ގިނަކޮށް ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް މުހިންމު - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ


ތަމްރީނު ލިބިފައިވާ މަސައްކަތްތެރިން ގިނަކޮށް ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ސަރަހައްދީ ޤައުމުތަކަށް ތަމްރީނު ފޯރުކޮށްދިނުމަށް އުފެއްދި އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް)އަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ އައިޓެކްއިން ސަރަހައްދީ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެކިދާއިރާތަކުން ދިވެހިން ތަމުރީނުކުރުމުގައި އައިޓެކްއިން އަދާކުރަމުންދާ ދައުރު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ތަމްރީނު ލިބިފައިވާ މަސައްކަތްތެރިންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތަމްރީނު ލިބިފައިވާ މަސައްކަތްތެރިން ގިނަކޮށް ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕޮލިޓެކްނިކް ފުޅާކޮށް އިތުރު ބްރާންޗްތަށް ރާއްޖޭގެ ކަންކޮޅުތަކުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން މިދަނީ. ތަމްރީނު ލިބިފައިވާ މަސައްކަތްތެރިން ގިނަކޮށް ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެން." ޑރ.އިބްރާހީމް ހަސަން ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގެން ދެޤައުމުގެ ގުޅުން ބަދަހިވެގެން ދިޔަ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެން އަހަރެއްގެ މައްޗަށް ރާއްޖެއަށް އިންޑިއާއިން ދޭ ކެޕޭސިޓީ ބިލްޑިން ތަމްރީން 5 ގުނައަށް އިތުރުވެފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

"ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުފުޅުގެ ތެރެއިން ކެޕޭސިޓީ ބިލްޑިންގް ގެ 1000 ސްލޮޓް 5 އަހަރަށް ބަހާލައިގެން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި. މިއާއިއެކު މީގެ ކުރިން އޮތް 50 ސްލޮޓް 5 ގުނައިން އިތުރުވެ 250 އަށް އެރީ. މިއިން އަންގައިދެނީ ދެ ޤައުމުގެ ގާތް ގުޅުން." ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

އިންޑިއާއިން ސަރަހައްދީ ޤައުމުތަކަށް ތަމްރީނު ފޯރުކޮށްދިނުމަށް އުފެއްދި އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަންއަށް، އައިޓެކް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އައިޓެކް އިން ދުނިޔޭގެ 160އަށްވުރެ ގިނަ ޤައުމުތަކާއި ގުޅިގެން ތަމްރީނު ޕްރޮގްރާމްތަށް ހިންގައެވެ.