ޚަބަރު

ކުލަގަދަ ރަސްމިއްޔާތަކަށްފަހު، ޖަޕާނުގެ ތަޚުތަށް ނަރުހީޓޯ އިސްވެވަޑައިގެންފި


ކުލަގަދަ ސަޤާފީ ރަސްމިއްޔާތަކަށްފަހު، ޖަޕާނުގެ ތަޚުތަށް އެމްޕެރަރ ނަރުހީޓޯ އިސްވެވަޑައިގެންފިއެވެ. އޭނާއަކީ ޖަޕާނުގެ 126ވަނަ އެމްޕެރަރއެވެ.

ކުރީގެ އެމްޕެރަރ އަކިހީޓޯ ތަޚުތު ދޫކުރައްވައި ވަޑައިގަތުމުން، މިއަހަރުގެ މެއި މަހު ރަސްމީކޮށް މަޤާމުގެ ޙައިޞިއްޔަތާއި ޙަވާލުވެވަޑައިގެންނެވި އުމުރުފުޅުން 59 އަހަރުފުޅުގެ ނަރުހީޓޯ ރަސްމީކޮށް ތަޚުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވެރިރަށް ޓޯކިޔޯގެ އިމްޕީރިއަލް ޕެލެސްގައެވެ. 180އަށްވުރެ ގިނަ ޤައުމުން 2000އަށްވުރެ ގިނަ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޖަޕާނުގެ ސަޤާފަތް ވަރަށް ބޮޑަށް ރަމްޒުކޮށްދީފައިވެއެވެ.

ހަމައެކަނި އެމްޕެރަރ ތުރުކުރަށްވާ ގަދަ އަނދިރި އޮރެންޖު ކުލައިގެ ހެދުންކޮޅެއް ތުރުކުރަށްވައިގެން ހުންނެވި ނަރުހީޓޯ އިސްވެވަޑައިގަތީ ޓަކަމިކުރާ ނަމަކަށް ކިޔާ 6.5 މީޓަރުގެ އުސް ތަޚުތަށެވެ. އަދި އަނބިކަނބަލުން އެމްޕެރެސް މަސާކޯ އިސްވެވަޑައިގެންނެވީ އެމްޕެރަރ ނަރުހީޓޯ އިސްކުރެއްވުނު ތަޚުތާއި ޖެހިގެން ހުރި މިޗޮޑައި ތަޚުތަށެވެ.

ވެހެމުންދިޔަ ވާރޭގައި ގިނަ ބަޔަކުވަނީ އިމްޕީރިއަލް ޕެލެސްގެ ގޭޓު ކުރިމަތީގައި ނަރުހީޓޯ ރަސްމިއްޔާތަށް ވަޑައިގެންނެވި މަންޒަރު ބަލަން އެއްވެފައެވެ. އެއްވެ ތިބި މީހުންދިޔައީ ޖަޕާނުގެ ދިދަ ވިހުރުވަމުންނެވެ. ޖަޕާނުގެ ސަރުކާރުންވަނީ މިއަދަކީ ރަސްމީ ބަންދު ދުވަހެއްކަމަށް ކަނޑައަޅާފައެވެ. ރަސްމިއްޔާތަށްފަހު، ޢާންމުންގެ ކުރިމަތީގައި ހިނގާލުމަށް ނިންމަވާފައިވީނަމަވެސް ދާދިފަހުން ޖަޕާނަށް އެރި އުޅޭ ތޫފާނުގައި އެތައް ބަޔަކު މަރުވުމާއި ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން މި ހިނގާލުންވަނީ ނޮވެމްބަރު 10އަށް ފަސްކޮށްފައެވެ.

ނަރުހީޓޯ ތަޢުލީމު ޙާޞިލުކުރެއްވީ އެ ޤައުމުގެ އިސްފަންތީގެ ޢާއިލާތަކުގެ ދަރިން ކިޔަވާ ގަކުޝޫއިން ސުކޫލުންނެވެ. އޭގެ ފަހުން، ތާރީޚު ޢިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވުމަށްފަހު އޮކްސްފޯޑު ޔުނިވަރސިޓީން އިނގިރޭސި ބަސް ކިޔަވާވިދާޅުވިއެވެ.

ނަރުހީޓޯއާއި އެމްޕްރެސް މަސާކޯގެ ގުޅުން ފެށުނީ 1986ގައި މަސާކޯ ޓޯކްޔޯ ޔުނިވަރސިޓީގައި ކިޔަވާ ވިދާޅުވި ދުވަސްވަރުގައެވެ. މަސާކޯއާއި ނަރުހީޓޯއާއި ކައިވެނީގެ ރަސްމިއްޔާތު އޮތީ 9 ޖޫން 1993ގައެވެ. މި ރަސްމިއްޔާތުގައި ވިލާތުގެ ޤައުމުތަކުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ އިއްޒަތްތެރީން ބައިވެރިވެވަޑައިގެންނެވިއެވެ. މި ކައިވެންޏަށްވަނީ އަންހެންކުއްޖެއް ލިބިވަޑައިގެންފައެވެ.