ސިޔާސީ

ރައީސް ފޮނުއްވި ނަންފުޅުތަކަށް ކޮމިޓީން ރުހުން ދެއްވައިފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންނަށް ރުހުންދޭން ފެންނަކަމަށް މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.އެޗްއާރުސިއެމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވީ ތިން ބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާޤު މުފީދާއި، ހ. ހަބަރުގެ، އާމިނަތު އީނާސް އަދި މ. ކޮރަލްގާރޑްންސް، ޢާއިޝަތު އަފްރީން މުޙައްމަދުގެ ނަމެވެ.މިހުރިހާ ބޭފުޅުންނަށްވެސް ވަނީ ހަތްދިހަ ފަހެއް އިންސައްތައަށްވުރެ މަތިން މާކްސް ލިބިވަޑައިގެންފައެވެ.އެޗްއާރުސީއެމަށް ތިން މެމްބަރަކު އެކޮމިޝަނަށް މިއިންތިޚާބުކުރަނީ، އެކޮމިޝަންގެތިން މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތު އަންނަ އޯގަސްޓްމަހުގެ ސަތާރަ ވަނަ ދުވަހަށް ހަމަވާތީއެވެ. އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 33 މީހަކު ކުރިމަތިލާފައިވެއެވެ.މިހާރު އެޗްއާރުސީއެމްގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން، އެކޮމިޝަންގެ ރައީސާ މަރިޔަމް އަޒްރާ އަޙްމަދާއި، ނައިބު ރައީސް އަހުމަދު ތޮލާލް އާއި ކޮމިޝަންގެ މެންބަރު ޖީހާން މަޙްމޫދުގެ މެމްބަރުކަމުގެ މުއްދަތު އަންނަ އޯގަސްޓްމަހުގެ ސަތާރަ ވަނަ ދުވަހު ހަމަވާނެއެވެ.