ޖަޕާނުގެ އައު އެންޕެރަރ ނަރުހީޓޯ ތަޚްތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.
ޖަޕާންގެ ސަޤާފަތާއި އެތްގޮތްވާގޮތުގެ މަތިން ބޭއްވި މި ރަސްމިއްޔާތުގައި ގިނަ ޤައުމުތަކެއްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގައި ގުޅުންބަދަހި ކުރުމަށް ބާއްވަވާ ޚާއްޞަ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ޖަޕާނުގެ އައު އެންޕެރަރ ތަޚުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފައި މިވަނީ މިމަހުގެ 20 އިން 26 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ޖަޕާނު ސަރުކާރުގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ރަސްމީ މި ދަތުރުފުޅެއްގައި ރައީސްވަނީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ކުރިއަށްގެންދަވާފައެވެ.
ޖަޕާނަކީ ޒަމާނުންސުރެ ދިވެހިރާއްޖެއަށް އެކި ރޮނގުތަކުން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. އެގޮތުން އެޤައުމަކީ ދިވެހިންނަށް އެންމެ އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެހީވަމުން ގެންދާ ޤައުމެވެ. ސިއްޙީ ދާއިރާގެ އިތުރުން ތަޢުލީމާއި ފަތުރުވެރިކަމާއި މާލީ ގޮތުންވެސް ޖަޕާނުން ވަނީ ގިނަ އެހީތަކެއް ރާއްޖެއަށް ދީފައެެވެ.