 
										 
										
			ވޯލްޑް ބޭންކުގެ އޮފީހެއް ރާއްޖޭގައި ޤާއިމްކުރުމާއި ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 18 އިން 20 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ވޮޝިންގޓަންގައި ކުރިއަށްދިޔަ ވޯލްޑް ބޭންކްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭގައި ވޯލްޑް ބޭންކުގެ އޮފީހެއް ޤާއިމްކުރުމަށް ބޭންކުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވޯލްޑް ބޭންކުގެ ސައުތް އޭޝިއާ ރީޖަންގެ ނައިބު ރައީސް ހާޓްވިގް ޝެފަރ އެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.
 
މި އެއްބަސްވުމާއެކު ކައިރި މުސްތަޤްބަލެއްގައި ރާއްޖޭގައި ވޯލްޑް ބޭންކުގެ އޮފީހެއް ޤާއިމްކުރެވިގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ. 
ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް ފިނޭންސް މިނިސްޓަރ ކުރެއްވި ދެ ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން  މިނިސްޓަރ ވަނީ ރާއްޖޭގެ ފިސްކަލް ޕޮލިސީއާއި ގުޅޭގޮތުން ވޯލްޑް ބޭންކުގެ އިސްފަރާތްތަކާއެކު ވާހަކަފުޅުދައްކަވާފައެވެ. 
		
 
										 
										
			މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމާއި ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ރާއްޖެ ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. 
މިދަތުރުފުޅުގައި ރާއްޖެއަށް ފަންޑު ހޯދުމަށްޓަކައި މިނިސްޓަރ ވަނީ އަބޫދާބީ ފަންޑާއި ޖަޕާން ބޭންކް އޮފް އިންޓަރނޭޝަނަލް ކޯޕަރޭޝަން އަދި އައިއެމްއެފްގެ ފިސްކަލް ޑިޕާޓްމަންޓާއި ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައެވެ. 
މި ބައްދަލުވުންތަކުގައި ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި ފަންޑު ހޯދުމާއި ފަންޑު ބޭނުންވާނެ މުހިއްމު ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ބައިނަލްއަޤްވާމީ ގޮތުން ކުރިއަށްގެންދާ  "ފިނޭންސް މިނިސްޓާސް ފޯރ ކްލައިމެޓް އެކްޝަން"ގައި ރަސްމީކޮށް ބައިވެރިވެވަޑައިގަންނަވާފައެވެ. 
		
 
										 
										 
										ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ބައިވެރިވެވަޑައިގެންނެވީ ވޯލްޑް ބޭންކް ގްރޫޕުން ރާއްޖެއަށް ކަނޑައަޅާފައިވާ ގަވަރނަރުގެ ހައިސިއްޔަތުންނެވެ. މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢިލް އަލި މަނިކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.