ޚަބަރު

ޤާނޫނު ހެދިޔަސް ފިޔަވަޅެއްނޭޅޭ، މިއީ ދައުލަތެއް ހިންގޭނެ ގޮތެއްނޫން - މަޖިލިސް ރައީސް


މަރު ކޮމިޝަންގެ އެއްވެސް މައްސަލައެއްގައި ފިޔަވަޅު އެޅެމުންދާތަން ނުފެންނަކަމާއި، މިއީ ދައުލަތެއް ހިންގަންޖެހޭ ގޮތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މި ރިޕޯޓުގައި މާތް ރަސޫލާއައް ފުރައްސާރަކޮށް، އިހާނެތިގޮތަށް ލިޔެފައިވާ ލިޔުންތަކަކީ ބަލައިގަނެވޭނެ ލިޔުންތަކެއް ނޫންކަމަށެވެ. އަދި މިރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުންންވެސް ވަރަށް ބޮޑަށް ކުއްވެރި ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް ނިވާފަތްގަނޑަކަށް ހަދައިގެން ރާއްޖޭގައި މުޒާހަރާކޮށް ހަމަޖެހުން ނަގާލަން އުޅެނީ ރިޟުވާނުގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން އާންމުކުރި ރިޕޯޓްގައި ހިމެނޭ ފަރާތްތަކުންކަމަށެވެ. އެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ލޭހުއްދަކުރާ ގުރޫޕްގެ ލީޑަރާއި، އަދި އެނޫންވެސް ފަރާތްތަކުން މި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެންވެސް އަދި އެހެންކަމާއި ގުޅިގެންވެސް އެއްވެސް ފަރާތަކުން މަރުގެ އިންޒާރުދީ، ޤައުމުގައި ހަމަޖެހުން ނަގާލަން ފުރުސަތުދީގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގައި އަލްގައިދާގެ ޖަމާއަތާއި ގުޅުން ހުރި ފަރާތްތަކާއި، މިނޫންވެސް އެކިއެކި ޖިހާދީ ޖަމާއަތްތަކާއި ގުޅުން އޮތް ފަރާތްތައް ފުލުސް އޮފީހަށް އެގިތިބި އެފަރާތްތައް ހިފާ ހައްޔަރު ނުކުރެވިގެން އުޅޭ ސަބަބަބެއް އެގިވަޑައި ނުގަންނަވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ހައްދުފަހަނައަޅާފައިވާ މިފަދަ މީހުންގެ މައްސަލަތައް ނުބެލި ހައްޔަރު ނުކުރެވޭތީ މަޖިލިސް ޗުއްޓީއަށް ނުގޮސް ބޭނުންވާ ޤާނޫނުތައް ހަދާދީފައި ވާކަމަށް ރައީސް ނަޝީދު ވިދާޅުވި. ނަމަވެސް ފުލުސް އޮފީހުންމިކަމަށް އެއްވެސް ފިޔަވަޅެއް އަޅާތަން ނުފެންނަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. އަދި މިއީ ދައުލަތް ހިންގޭނެ ގޮތެއް ނޫންކަމަށް ވިދާޅުވެ ރައީސް ނަޝީދުވަނީ ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ތަހުޤީޤުކުރަމުންދާއިރު އެރިޕޯޓާއި ގުޅިގެން ފުލުހުން ހޯދަން އިއުލާން ކުރި އަޒްރާ ނަސީމާ ގުޅިއްޖެކަމަށް ފުލުހުންވަނީބުނެފައެވެ. އަދި މިމައްސަލާފައި ފުލުހުން ކުރަމުންދާ ތަޙުޤީޤަށް ސުވާލުކުރަންޖެހޭ ބައެއް ފަރާޓްތަކަށް ޗިޓް ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.