ޚަބަރު

ދިޔާނާއާއި މަހާޒްގެ މައްސަލަ އަލުން އެޖެންޑާ ކުރަން ނިންމައިފި


ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފޮނުއްވި މަހާޒްއާއި ދިޔާނާގެ ނަންފުޅު ދިރާސާކުރެއްވި ކޮމިޓީގެ ރިޕޯޓް އަނބުރާ ފޮނުވާލެއްވުމަށްފަހު މަޖިލީހުގެ ކައުންސިލާ ޖެނަރަލްގެ ލަފަޔާއި އެކު އަލުން އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަޤާމަށް ޢައްޔަންކުރުމަށް ރައީސް ފޮނުއްވެވި މަހާޒް އަލީ ޒާހިރާއި، ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅު ދިރާސާކުރެއްވުމަށްފަހު ޖުޑިޝަރީ ކޮމެޓީން އެކުލާލި ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނީ މަޖިލިސް ތަޅުމަށް ހުށަހެޅިއިރު ކޮމިޓީން ގޮތެއް ކަނޑައަޅާފައި ނުވާތީއެވެ. ނަމަވެސް މިމައްސަލާގައި މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ކައުންސިލާ ޖެނަރަލްގެ ލަފަޔާއި އެކު އަލުން އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ދެން މިމައްސަލަ އެޖެންޑާ ކުރެވޭނީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން 3 ދުވަސް ފަހުންނެވެ.

މަހާޒާއި، ދިޔާނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް އިއްވައި ކޮމިޓީއަށް ފޮނުވާފައިވަނީ އިއްޔެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް ޢައްޔަންކުރެއްވުމަށް ފޮނުއްވި ދެބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަހާޒް ޢަލީ ޒާހިރަކީ ޑްރަގް ކޯޓުގެ ޤާޒީއެކެވެ. ދިޔާނާ ސަޢީދަކީ ކުރީގެ ބަންޑާރަ ނާއިބުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ސްޕްރީމް ކޯޓްގެ ބެންޗަށް ބަދަލު ގެނެސްފައިވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނެސް، ދެފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް ބަދަލު ކުރުމަށެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛް ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.