ޚަބަރު

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެއްވުމަށް މަޖިލީހަށް 2 ނަން ފޮނުއްވައިފި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެއްވުމަށް މަހުތޫމް ސަލީމް އާއި އިސްމާއިލް ސާޖިދުގެ ނަން މަޖިލީހަށް ފޮނުވައިފިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިސްކަން ދެއްވި ދެބޭފުޅުންގެ ނަން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިޢުލާންކުރައްވާފައެވެ. އަދި އެނަންތައް ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދާދިފަހުން ގެނައި އިޞްލާހުގައި ވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޢަދަދު 7 އަށް އިތުރުކޮށް، ބޯޑުގެ ދައުރަކީ ފަސް އަހަރުކަމަށް ކަނޑައަޅާފައެވެ.

މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންނާއި އިންޓަވިއު ކުުރުމުގެ މަރުހަލާ މަޖިލީހުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށްދާނެއެވެ.