ޚަބަރު

ނުކުޅެދޭ މީހުންނަށް މިސްކިތްތަކަށް ވަނުމަށް ހާއްސަ ގޮތްތަކެއް


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ ކަމާއެކު މިސްކިތްތަކަށް ވަދެ ނިކުތުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މާލޭގެ ތިން މިސްކިތެއްގައި ސަރުކާރުން ފޮރޮޅުލީ ގޮނޑި ބެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޑިސްއެބިލިޓީ އެމްބެސެޑަރ އަހުމަދު ހިޝާން ވިދާޅުވެއްޖެއެވެ.ޕީ އެސް އެމަށް މައުލޫމާތު ދެއްވަމުން ހިޝާން ވިދާޅުވީ، ފޮރޮޅުލީ ގޮނޑި ބަހައްޓަން ނިންމާފައިވަނީ ރޭމްޕް ހަދާފައިވާ ތިން މިސްކިތެއްގައި ކަމަށެވެ.ފްލެޓް ސަރަހައްދުގައި ހުންނަ ފުރުގާން މިސްކިތާއި، ހެންވޭރު ނޫރު މިސްކިތާއެކު، މާލޭގެ އިތުރު މިސްކިތެއްގައި ފޮރޮޅުލީ ގޮނޑި ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.ހިޝާން ވިދާޅުވީ، މިކަން ފަށައިގަތުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ޖެންޑާ މިނިސްޓްރީން މިހާރު ފަށާފައިވާކަމަށެވެ.މިސްކިތްތަކުގައި ފޮރޮޅުލީ ގޮނޑި ބެހެއްޓުމުން، ޖަމާއަތުގައި ނަމާދުކުރަން ބޭނުންވާ އެތައް ބަޔަކަށް ފަސޭހަ ވާނެ ކަމަށް ހިޝާން ވިދާޅުވިއެވެ.ފޮރޮޅުލީ ގޮނޑިތައް ޚާއްސަ ކުރެވޭނީ ކާރާއި ސައިކަލްތަކުގައި ނަމާދަށް އަންނަ ނުކުޅެދޭ މީހުންނާއި، ބަލި މީހުންނަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.މިސްކިތްތަކުގައި ފޮރޮޅުލީ ގޮނޑި ބެހެއްޓުމުގެ އިތުރުން،  ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ ގޮނޑިފަދަ ތަކެތި ޕާކް ކުރުމަށް އެފަދަ ފަރާތްތައް ދިރިއުޅެމުންދާ ގެއާއި ކައިރިން ޕާކިން ޒޯން ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އޭނާވިދާޅުވިއެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީއާއި މަޝްވަރާ ކޮށް، އެކަމުގައި ގޮތްތަކެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.