ކުޅިވަރު

ބޮޑު ބަދަލުތަކަކާއިއެކު 50ވަނަ ޤައުމީ ޓެނިސް މުބާރާތް އަންނަމަހު!


ބޮޑު ބަދަލަކާއެކު ފަންސާސްވަނަ ޤައުމީ ޓެނިސް މުބާރާތް އަންނަ މަހުގެ 15ވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޓެނިސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވީ، 50 ވަނަ ޤައުމީ ޓެނިސް މުބާރާތް ބޮޑު ބަދަލަކާއެކު އަންނަ މަހުގެ ނަވާރައިން ތޭވީހުގެ ނިޔަލަށް ބާއްވަން ތާވަލުކޮށްފައިވާ ކަމަށާއި، މިފަހަރުގެ މުބާރާތް ކުރިއަށްގެންދަނީ ޖުމްލަ ނުވަ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އަދި މިއީ ގައުމީ ޓެނިސް މުބާރާތުގެ ފަންސާސްވަނަ މުބާރާތްކަމުން މި މުބާރާތް ކުލަގަދަކޮށް ބޭއްވުމަށްޓަކައި އެހެން ގައުމުތަކަށްވެސް މުބާރާތުގައި ބައިވެރިވާން ދައުވަތުދީފައުވާކަމަށެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ކެމްބޯޑިއާ އާއި ސްރީލަންކާ އާއި، އިންޑިއާގެ އިތުރުން ނޭޕާލުގެ ކުޅުންތެރިން ވާދަކުރާނެއެވެ.

މިފަހަރުގެ މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ 7 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް 14 އަހަރުން ދަށް، ޖޫނިއާ އޯޕާންސް، މެންސް އޯޕަންސް، ވުމަންސް އޯޕަންސް، މިކްސް ޑަބަލްސްގެ އިތުރުން 45 އަހަރުން މަތީގެ ކެޓަގަރީގައެވެ. މިގޮތުން މުބާރާތުގެ ދިހަ އަހަރުން މަތީގެ ކެޜަގަރީތަކުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ ނޮކްއައުޓް ފޯމެޓަށެވެ. އަދި ދިހަ އަހަރުން ދަށުގެ މެޗުތަށް ކުރިއަށްދާނީ ރައުންޑް ރޮބިން ފޯމެޓަށެވެ.

މިފަހަރުގެ ޤައުމީ މުބާރާތް ޚާއްސަވާ އަނެއް ސަބަބަކީ މުބާރާތުގެ ޗެމްޕިއަން ކުޅުންތެރިޔާއަށް ލިބޭ ފައިސާގެ އިނާމެވެ. މިފަހަރުގެ މުބާރާތަކީ ރާއްޖޭގެ ތާރީޚުގައިވެސް ބާއްވާ އެންމެ އަގުބޮޑު ޓެނިސް މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއަކަށް ފަންސަވީސް ހާސް އެމެރިކާ ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ފުރަތަމަ ފަހަރަށް އެހެން ގައުމުތަކަށް ބައިވެރިވާން ފުރުސަތު ހުޅުވާލައި ދައުވަތު ދިނުމުގައި ބޮޑަށް ވިސްނީ ސަރަހައްދީ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ވާދައެއް ކުރެވޭނެފަދަ ގައުމުތަކަށް ކަމަށެވެ. އަދި ބައިވެރިވުމުގެ މުއްދަތު ހަމަވާން ކުޑަތަންވީރުގައުވެސް އެގައުމުތަކުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެށް ލިބެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެހެން ގައުމުތަކަށް ދައުވަތު ދިންއިރު ބޮޑަށް ވިސްނީ ސަރަހައްދީގޮތުން އަޅުގަނޑުމެންނަށް ވާދަކުރެވޭ ފެންވަރުގެ ގައުމުތަކަށް، ދެން އެގައުމުތަކުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަނީ، އެގޮތުން ގާތްގަނޑަކަށް 150 އެއްހާ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ވާދަކުރާނެކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ،" ޔޫސުފް ރިޒާ ވިދާޅުވިއެވެ.

މުބާރާތް ފެށުމުގެ ކުރިން އަލަށް އަޅާ ޓެނިސް ކޯޓުގެ މަސައްކަތް ނިންމާލަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.