ދީން

މުދަލުގެ ޒަކާތުގެ ފައިސާ މާލޭގައި، މިއަދު ދޫކުރަން ފަށައިފި


މާލޭގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް، މުދަލުގެ
ޒަކާތުގެ ފައިސާ މިއަދު ދޫކުރަން ފަށައިފިއެވެ.



ޒަކާތުގެ ފައިސާ ބެހުމަށް ހަމަޖައްސާފައިވަނީ ބޮލަކަށް
ހަތަރުސަތޭކަ ރުފިޔާއެވެ.



އިސްލާމިކް މިނިސްޓްރީން ބުނީ 2014 ވަނަ އަހަރު
މުދަލުޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނުބައިން މާލެސިޓީގައި
ނަންނޯޓުކޮށްފައިވާ ފަޤީރުންނާއި މިސްކީނުންނަށް މިއަދުން ފެށިގެން ރަސްމީ ބަންދު
ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު ދިހަގަޑިތިރީހުން މެންދުރު ތިނެއް
ޖެހުމާއި ހަމައަށް ފައިސާ ދޫކުރަމުންދާނެކަމަށެވެ.



އެމިނިސްޓްރީން ބުނީ ފަޤީރުންގެ ލިސްޓުގައި
ނަންނޯޓުކޮށްފައިވާ ފަރާތެއްގެ އައިޑީކާޑު ހިފައިގެން ބަދަލުގައި މީހަކު އައި
ކަމުގައިވީނަމަވެސް އެއީ އައިޑީކާޑުގެ ވެރިފަރާތުން ފޮނުވި މީހެއްކަމަށް ބަލާ،
އެފަރާތުގެ ފައިސާ އައިޑީކާޑު ގެންދާ ފަރާތަށް ދޫކުރެވޭނެކަމަށެވެ.



ފަގީރުންގެ ގޮތުގައި މާލޭގައި ތޭރަހާހަށްވުރެން ގިނަ
މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ޒަކާތު ފައިސާ އިން އެ މީހުންނަށް ފަސް މިލިޔަން ރުފިޔާ
ބެހުމަށް ވަނީ ހަމަޖެހިފައެވެ.



ރަށްރަށުން ތިރީސް ހަތްހާހަށް ވުރެ ގިނަ މީހުން
ރަޖިސްޓްރީކޮށްފައިވާއިރު، ޒަކާތު ފައިސާގެ ތެރެއިން އެ މީހުންނަށް ފަނަރަ  މިލިޔަނަށް ވުރެ ގިނަ ރުފިޔާ ބެހުމަށް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް
މިނިސްޓްރީން ބުނެއެވެ.