ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ސްކޫލް ޑިޒައިން ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި


ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ސްކޫލް ޑިޒައިން ކުރުމަށް އާރކްއެންޖު ސްޓޫޑިއޯއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒުއެވެ. އަދި އާރކްއެންޖު ސްޓޫޑިއޯގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު ހަމީންއެވެ. އެއް ލައްކަ ސޯޅަ ހާސް ހަސަތޭކަ ރުފިޔާއަށް މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާގޮތަށެވެ.

މި ސްކޫލަކީ އައު މަންހަޖާ ގުޅޭފަދަ ގޮތަކަށް ރާއްޖޭގައި ޢިމާރާތްކުރާ އެންމެ ފުރަތަމަ ދެސްކޫލުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. އައު މަންހަޖާ އެއްގޮތަށް ދެން އެޅުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ މި ސްކޫލްތަކުގެ ޢަމަލީ މަސައްކަތް އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށްޓަކައި މާލެ ސަރަޙައްދުގައި ޢިމާރާތްކުރާ ސްކޫލްތަކަކީ 1000 ކުދިންގެ ޖާގައިގެ ސްކޫލްތަކެކެވެ. އެގޮތުން މި ސްކޫލްތަކުގައި ކޮންމެ ކްލާހެއްގައި 25 ދަރިވަރުންނަށް ކިޔެވޭނެ ގޮތަށް ޢިމާރާތްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.