ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ މި ފުރުޞަތު ހުޅުއްވާލައްވާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ބްރޯޑްކޮމްގެ މެމްބަރުކަމަށް ރައީސް އޮފީހުން ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ ނައިބް ރައީސްގެ މަޤާމުގައި ހުންނެވި ފާތިމަތި ޒައިނާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ޒޭނާ މަޤާމުން ވަކިކުރުމުގެ ކުރިން އެ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަހީބް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އިއްޔެއާ ހަމައަށް ރައީސް އޮފީހުން ހުޅުވާލާފައިވެއެވެ. ޝަހީބު ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓަށް އަހަން ތައްޔާރުވެފައިވަނިކޮށެވެ.

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކޮށްފައިވަނީ 5 އޭޕްރީލް 2016 ގައެވެ. ޝަހީބު ބްރޯޑް ކާސްޓިން ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ މިއީ ދެ ވަނަ ދައުރެވެ.

ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ބްރޯޑްކޮމް އިން އިސްތިއުފާދެއްވުމުން އެކޮމިޝަނުން ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ 36 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިސްކަން ދެއްވާފައިވާ 10 ނަމުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޝިފްލާ އިބްރާހިމްއާއި، މުޙައްމަދު ޙިލްމީއާއި، އަޙްމަދު ގައިސްއާއި، ޢަލީ ޔޫސުފްއާއި، އާމިލާ އާދަމްއާއި، އަޙްމަދު ފައިރޫޒް އާއި، ޖައުފަރު ރަޝީދާއި، އައިޝަތު ދިޔާނާ ޠޯހިރާއި، ސައުދާ ސަލީމްގެ އިތުރުން ނަފީސް މުޙައްމަދެވެ.