ޚަބަރު

ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިވުމަށް ޖަޕާނުން 70 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް


ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިވުމަށް 70 މިލިޔަން ރުފިޔާގެ ހިލޭ އެހީދިނުމަށް ޖަޕާން ސަރުކާރުން ނިންމައިފިއެވެ.

ޖަޕާން ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވުނު ޙާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާން ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ. މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން 500,000,000 (ފަސް ސަތޭކަ) މިލިއަން ޖަޕަނީސް ޔެން ގެ ހިލޭ އެހީ ޖަޕާން ސަރުކާރުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 70 މިލިޔަން ރުފިޔާގެ އެހީއެކެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޮ ޔަނާއީއެވެ.