ކުޅިވަރު

ނިލަންދޫ މެޗު ކާމިޔާބުކުރުން ވަރަށް މުހިއްމު: ސެކުލޮސްކީ


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކްލަބް އީގަލްސްއަތުން ބަލިވުމުން، ކުރިޔަށް އޮތް މެޗު ކާމިޔާބުކުރުން ވަރަށް މުހިއްމުކަމަށް މާޒިޔާގެ ކޯޗު މަރުޔާން ސެކުލޮސްކީ ބުނެފިއެވެ.

ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ އިން އެންމެ ފަހުން ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-0 އިން ބަލިވެފައެވެ. އެއީ މިފަހަރުގެ ސީޒަނުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ.

މިއަދު ހަވީރު ލީގުގައި ނިލަންދުއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ، އީގަލްސްއަތުން ބަލިވުމުން ކުރިޔަށް އޮތް މެޗު ކާމިޔާބުކޮށް ކުޅުންތެރިން އިތުބާރު ހޯދަންޖެހޭކަމަށެވެ. އަދި އީގަލްސްއަތުން ބަލިވި މެޗުން މާޒިޔާއަށް ރަނގަޅު ފިލާވަޅެއް ދަސްވެގެން ހިނގައްޖެކަމަށްވެސް ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ ބުނީ މެޗެއްގައި ލަނޑު ޖަހާނެ ކިތަންމެ ބައިވަރު ފުރުސަތު ލިބުނު ނަމަވެސް ލަނޑު ނުޖެހި ގޮސްދާނެކަމަށެވެ. އަދި އީގަލްސް މެޗުގައި މާޒިޔާއަށް ލަނޑު ޖަހާނެ ހުސް 2 ފުރުސަތު ލިބުނުކަން ކޯޗު ފާހަގަކުރިއެވެ. އެހެންކަމުން ނިލަންދޫ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގުން ވަރަށް މުހިއްމުކަމަށް މަރުޖާން ސެކުލޮސްކީ ބުންޏެވެ.
މާޒިޔާއާއި ދެކޮޅަށް ނުކުންނަ ނިލަންދޫ ޓީމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސެކުލޮސްކީ ބުނީ، އެންމެ ފަހުން ނިލަންދޫ ޓީމު ކުޅުނު 4 މެޗު ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، މިހާރު އެއީ ކުރީގެ ނިލަންދޫ ޓީމު ނޫންކަމަށެވެ.

ސެކުލޮސްކީ ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާވެގެން ބާލަން ޖެހުނު ނާއިޒް ހަސަން (ދާދު) މި މެޗުގައި ނުފެންނާނެކަމަށާއި، އަދި އިބްރާހިމް ވަހީދު (އިއްބެ)ވެސް ހުރީ މެޗު ކުޅެވޭ ހާލަތުގައި ނޫންކަމަށެވެ. ނަމަވެސް ސްޓެވާޓް ކޯނޭ މި މެޗުގައި ފެނިގެންދާނެކަމަށް ސެކުލޮސްކީ ބުންޏެވެ.

މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަަކަ ދައްކަމުން ނިލަންދޫ ޓީމުގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނީ، އެޓީމާ ބިދޭސީ ކުޅުންތެރިންތަކެއް ގުޅުނު ފަހުން ޓީމަށް ކުރިއެރުންތަކެއް އައި ކަމަށާއި، އެކަމަކު އޭނާ އެންމެ ބޭނުންވި ކުޅުން އަދިވެސް ނުފެންނަ ކަމަށެވެ. ސަބަބަކީ ދިވެހި ކުޅުންތެރިންގެ ފަރާތުން އެ މަސައްކަތް ދަނޑުމަތީގައި މިހާތަނަށް ފެނިފައިނުވުން ކަމަށްވެސް ބުންޏެވެ. ފެސްކޯ ބުނީ މާޒިޔާ މެޗާ ކުރިމަތިލާއިރު ޓީމުގެ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އެގޮތުން ފަހަތަށް ކުޅޭ މުހިންމު ތިން ކުޅުންތެރިއަކަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭކަންވެސް ފާހަގަކުރި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާއިން ވަނީ ނިލަންދޫގެ ކޮޅަށް 13 ގޯލް ޖަހާފައެވެ. ލީގު ތާވަލަށް ބަލާއިރު، މާޒިޔާ އޮތީ އެއްވަނައިގައި ކުޅުނު 10 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެވެ. އަދި ނިލަންދޫ އޮތީ ފުލުން ދެވަނައިގައި 7 ޕޮއިންޓާއެކު އެވެ.