ޚަބަރު

ޓާގެޓަކީ ލާމަރުކަޒީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތައް ނޮވެމްބަރު 13 ގައި ފާސްކުރުން - މަޖިލިސް ރައީސް


ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކާއެކު ނޮވެމްބަރު މަހުގެ 13ވަނަ ދުވަހު ޤާނޫނު ފާސްކުރުމަކީ މަޖިލީހުގެ އަމާޒު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެންނަ ބަދަލުތަކަކީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހަތަކެއްކަމަށެވެ. ރަށްރަށުގެ ތަރައްޤީއާއި ކުރިއެރުމަކީ ރާއްޖޭގެ ތަރައްޤީއާއި ގުޅިފައިވާ ކަންކަމަށްވާއިރު މިކަން ކުރެވޭގޮތަށް ޤާނޫނަށް އިސްލާހު ގަނައުމަކީ ކުރަންޖެހޭ ކަމެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ބިލުގެ މަސައްކަތް މިއަދުން ފެށިގެން މަޖިލިސްގައި ކުރިއަށްދާއިރު ކޮމިޓީ މަރުހަލާގައި މިކަން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މިމަސައްކަތް ކުރެއްވުމަށް ކޮމިޓީ މެމްބަރުންގެ ފަރާތުންވެސް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި މިބިލުގެ ކޮމިޓީ މަސައްކަތް ނިންމައި އަންނަ މަހުގެ 9 ވަނަ ދުވަހު ތަޅުމަށް ހުށަހެޅޭވަރަށް ކޮމިޓީ މެމްބަރުން މަސައްކަތް ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ކޮމިޓީން ކުރެވޭ މަސައްކަތް ނިންމައި ތަޅުމަށް ހުށަހެޅުމަށްފަހު، ތަޅުމުގައި ރިޕޯޓަށް ކުރެވޭ ބަހުސްތަކަށްފަހު އަމާޒު ކުރައްވަނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ބިލަށް ވޯޓަށް އަހައި ފާސް ކުރުންކަމުގައިވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. ނޮވެމްބަރު މަހަކީ މަޖިލީހުގެ ގިނަ ވަގުތު އަންނަ އަހަރުގެ ބަޖެޓަށް ހުސްކުރަންޖެހޭ ކަމަކަށްވާއިރު މިކަމަށް މެމްބަރުން ޙާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް މަޖިލިސް ރައީސްވަނީ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އެކުލަވާލާފައިވާ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް މިއަދު ވަނީ ހުށަހަޅާފައެވެ.