ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި


އިންފޮމޭޝަން ކޮމިޝަނަރަކަށް ޙުސައިން ފިޔާޒު މޫސާ ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ފިޔާޒު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިއަދުގެ ޖަލްސާގައި ނެގި ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 72 މެމްބަރުންގެ ވޯޓާއިއިއެކުއެވެ.

ހުސްވެފައިވާ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 9 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. މިނަންތަކުގެ ތެރެއިން ރައީސް އިސްކަންދެއްވާފައިވާ ތަރުތީބުން 4 ބޭފުޅަކާ ކޮމެޓީންވަނީ އިންޓަރވިއުކޮށްފައެވެ.

ކޮމެޓީން އިންޓަރވިއުކުރީ ހުސައިން ފިޔާޒު މޫސާ އާއި އަޙްމަދު ފަޔާޒާއި، އަޙްމަދު އާހިދު ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަން އެވެ. މިބޭފުޅުންގެ ތެރެއިން ފާތިމަތު ޝައުޝަން ނޫން އަނެއް ތިން ބޭފުޅުނަށް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ކޮމެޓީގައި ބައިވެރިވެޑައިގެން ނުވަ މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ޤަަވައިދަށް ގެނައި އިސްލާހުގެ ދަށުން މި އިންޓަރވިއުތައް ލައިވްކުރުމުގެ ހުއްދަ މީޑިއާތަކަށް ދިނުމުން މިނިވަން މުޢައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުންތައް ޓީވީ ޗެނަލްތަކުން ފުރަތަމަ ފަހަރަށްވަނީ ލައިވްކޮށް ދައްކާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިއަހަރުގެ ޖުލައި މަހުގެ 22ވަނަ ދުވަހު ހަމަވެފައިވާތީއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމް ހުސްކޮށް އޮންނަތާ މިހާރު 2 މަސް ދުވަހަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.