ޚަބަރު

ލާޒިމްކުރާ މިންވަރާއި ގާތަށްވެސް ކައުންސިލްތަކަށް ބަޖެޓެއް ނުދެވޭ - ނިޔާޒް


ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތް ދިނުމަށް ޤާނޫނުން ލާޒިމްކުރާ މިންވަރާ ގާތައްވެސް ނިމިދިޔަ ސަރުކާރުތަކުން ބަޖެޓާއި، އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށް ދެއްވާފައި ނުވާކަމުގައި ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅުއްވި ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދިނުމަށް ސަރުކާރުން ޤާނޫނަށް ހުށަހެޅުއްވި އިސްލާހުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ، ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަކީ ނިމިދިޔަ ސަރުކާރުތަކުން އެހާބޮޑު ސަމާލުކަމެއް ދެއްވިކަމެއް ނޫންކަމަށެވެ. ވަކިން ޚާއްސަކޮށް ނިމިދިޔަ ސަރުކާރުން މިސިޔާސަތު ގެންގުޅުއްވާފައިވަނީ މަރުކަޒީކޮށް ކަންކަން ކުރާގޮތަށް ރަށްރަށުގެ ބާރުތައް ކެޑޭގޮތަށްކަމުގައި ނިޔާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކާ ގުޅޭގޮތުން ނިޔާޒް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ އެންމެ ބޮޑުބަޔަކީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުންކަމަށެވެ. ދައުލަތުގެ ބަޖެޓުގެ ފަހެއް އިންސައްތަ ފައިސާ ކައުންސިލްތަކަށް ޚާއްސަކޮށްފައިވާއިރު ރަށްރަށާއި، ފަޅާއި ބިމުކުލީގެ ސާޅީސް އިންސައްތަ ކައުންސިލްތަކަށް ދިނުމަށްވެސް ހުށަހެޅިފައިވެއެވެ. މިއާއިއެކު ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ރަށްވެހި ތަރައްޤީ ފޯރުކޮށް ދިނުމަށާއި، އަސާސީ އަދި އުމްރާނީ ތަރައްޤީ ރަށްރަރަށް ގެނައުމުގައިވެސް ކައުންސިލްތަކަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ. ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ރަށްވެހި ތަރައްޤީގެ މަޝްރޫޢުތައްހިންގުމަށް ދައުލަތުގެ ބަޖެޓުން އެކެއް ޕޮއިންޓު އަށެއް ބިލިޔަން ރުފިޔާ ޚާއްސަ ކުރެވިގެންދާނެކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ރަށްރަށުގެ އިޚްތިސާސްގެ ގޮތުގައި ރަށުގެ ވަށައިގެން ހަތް ސަތޭކަ މީޓަރުގައި ހިމެނޭ ފަޅާއި ފަރުތަކާއި، އެނޫންވެސް ތަންތަނަކީ ކައުންސިލްގެ މިލްކިއްޔާތު ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަންހެނުންނަށް ބާރުވެރިކަން ދިނުމަށްޓަކައި ކައުންސިލްތަކަށް އިންތިޚާބުކުރެވޭ ފަރާތްތަކުގެ ތެރެއިން ތެއްތިރީސް އިންސައްތައަކީ އަންހެނުންކަމުގައި ހެދުމަށްވެސް، ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ރަށްރަށުގައި ހުރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށްވެސް ރަށުގެ ތަރައްޤީގައި ޝާމިލްވެވޭގޮތަކަށް އަދި އަންހެނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދީ އަންހެނުން ބާރުވެރިކުރުމަށް ޚާއްސަ ބަޖެޓެއް ދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކައުންސިލްތަކުގެ ޤާނޫނަށް ހުށަހެޅި މި އިސްލާހުތަކާއެކު ކައުންސިލްތަކުގެ ޒިންމާދާރުވެރިންނަކީ ސީދާ ކައުންސިލަރުންގެ ވޯޓަކުން ކަނޑައަޅާ މީހަކަށް ހެދުމަށް ވަނީ ނިންމާފައެވެ. އެމީހަކީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރާ މީހަކަށް ހެދުމަށްވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާހުތަކާއިއެކު ކައުންސިލްތައް ހިންގުމަށް ބޮޑެތި ބާރުތަކެއްލިބި، ރަށްރަށަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް މިބިލަށް ވާހަކަދެއްކެވި މެމްބަރުން ވަނީ ވިދާޅުވެފައެވެ.