ޚަބަރު

ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތައް ބޭރު މީހުނަށް ދޫކުރުން ހުއްޓާލަންޖެހޭ - ނާއިބު ރައީސް


ތަރައްޤީގެ އެކި މަޝްރޫޢުތަކާއެކު އުފެދެމުންދާ ވަޒީފާތައް ބޭރު މީހުންނަށް ދޫކޮށްނުލާ އެ ވަޒީފާތަކަށް ދިވެހިން ނުކުތުމަށް ނާއިބް ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ކޯޕަރޭޓް ސްކޯލަރޝިޕް ސްކީމް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ވިދާޅުވީ ރާއްޖެ ކުރިއެރުވުމަށްޓަކައި އިތުރު ދާއިރާތަކުން މީހުން ބިނާކުރަންޖެހޭކަމަށެވެ. އަދި ރާއްޖޭގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގަމުންދާއިރު އެ މަޝްރޫއުތަކާއެކު ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތައް ހުރިއިރު ބޭރު މީހުންނަށް އެ ވަޒީފާތައް ދޫނުކޮށް ދިވެހިން އެ ވަޒީފާތަކަށް ނުކުންނަން ޖެހޭ ކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.

ވަޒީފާ އަދާކުރާ ޒުވާނުންގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާ ބަޔަކަށްވުމަށް ގޮވާލައްވަމުން ނާއިބު ރައީސްވަނީ ވަޒީފާއަށް ޙުރުމަތްތެރިކޮށް ހިތުމަށްވެސް ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ވަޒީފާ އަދާކުރުމުގައި ވަގުތަށް ކަމޭ ހިތާ އެވަގުތުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށްވެސް ނާއިބު ރައިސްވަނީ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޯޕަރޭޓް ސްކޯލަރޝިޕް ސްކީމް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ ކިޔަވަން ބޭނުންވެފައި ތިބި މީހުނަށް ސްކޮލަރޝިޕް ހޯދުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި ވަޒީފާ ދޭން ތިބި ކުންފުނިތަކަށް ހުނަރުވެރި ޤާބިލު މީހުން ބިނާކުރުމަށް ހުރަސްތަކެއްވެސް އެބަހުރިކަމަށެވެ. އެހެންކަމުން ހަޔަރ އެޑިއުކޭޝަނުން ތަޢާރަފުކުރި ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމާއެކު މިމައްސަލައަށް ޙައްލެއް ލިބިގެންދަނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ތަޢާރަފްކުރި ކޯޕަރޭޓް ސްކޯލަރޝިޕް ސްކީމްގައި ބައިވެރިވެފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ:

  • މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް – އެމްއޭސީއެލް
  • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ - އެމްޓީސީސީ
  • މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ – އެމްޑަބްލިއުއެސްސީ
  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް – ސްޓެލްކޯ
  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން – އެސްޓީއޯ
  • ރާއްޖެ އޮން ލައިން – އާރްއޯއެލް
  • ދިވެހިރާއްޖޭގެ ގުޅުން - ދިރާގު


ކޯޕަރޭޓް ސްކޯލަރޝިޕް ސްކީމްގައި ބައިވެރިވެފައިވާ އަމިއްލަ ކުންފުނިތަކަކީ:

  • ޓްރީ ޓޮޕް ހޮސްޕިޓަލް
  • އޭޑިކޭ ހޮސްޕިޓަލް
  • ކްރައުން ޗަމްޕާ ރިސޯޓްސް
  • މޯލްޑިވްސް އިސްލާމިކް ބޭންކް


ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދޭއިރު މިސްކީމްގެ ދަށުން ސްކޮލަރޝިޕް ލިބޭ ފަރާތާއި މިސްކީމްގައި ބައިވެރިވާ ކުންފުންޏާ ދެމެދު އެއްބަސްވުމެއް ޤާއިމުކޮށް ކިޔަވާނިމިގެން ވަޒީފާ އަދާކުރާނެ ގޮތްތަކެއް ކަނޑައެޅޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.