ޚަބަރު

ކަމެއް ކުރަން އަޅުގަނޑު ނުކުންނަނީ ކަމެއް ކޮށްދެވުނުކަމަށް ޤަބޫލުކުރެވޭތީ - ޝިފާޒް


ކޮންމެ މަޤާމަކަށްވެސް ވާދަކުރައްވަނީ އެމަޤާމަކަށް އެކަށީގެންވާވަރަށް ޚިދުމަތް ދެވި، އެ އިހުސާސު ކުރެވުމުން ކަމުގައި އެމްޑީޕީގެ ނައިބް ރައީސްގެ މަޤާމު ދިފާއުކުރެއްވުމަށް ނިކުންނަވާ، ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޝިފާޒް ވިދާޅުވީ ނިމިދިޔަ 5 އަހަރުގައި ޕާޓީގެ ނައިބް ރައީސްގެ މަޤާމް ފުރުއްވި ދުވަސްވަރު ލިބުނު ތަޖުރިބާއާއި، ޕާޓީއަށް ކޮށްދެވުނު ޚިދުމަތަކީ މި މަޤާމަށް އަނެއްކާވެސް ނިކުންނަވަން ޖެހުނު ސަބަބުކަމަށެވެ. ކޮންމެ ކަމަކާއި ކުރިމަތިލެއްވި ނަމަވެސް ކާމިޔާބް ނުވާނެކަމަށް ބަލައިގެން ނުނިކުންނަވާކަމަށާއި، މި އިންތިޚަބަށް މި ނިކުންނަނީވެސް އެ އިތުބާރާއި ޔަގީންކަން އޮތުމުންކަމަށް ޝިފާޒް ވިދާޅުވިއެވެ.

"އަޅުގަނޑު އެއްވެސް މަސައްކަތެއްގަ ނުނިކުންނަން ނާކާމިޔާބު ވެދާނެކަމަށް ބަލައިގެން. ކަމެއް ކުރަން ނިކުންނަނީ ކަމެއް ކޮށްދެވުނީމަ. އެއިހުސާސް އަމިއްލަޔަށް އޮންނާތީވެ، ކޮށްދެވިއްޖެކަން އިހުސާސް ކުރެވޭ، އެކަން މެމްބަރުން ބަލައިގަނޭ. އެންމެ އުނދަގޫ ދަނޑިވަޅުތަކުގައި ޕާޓީން ވަނީ ގިނަ އިންތިޙާބްތަކެއް ކާމިޔާބުކޮށްފައި." ޝިފާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ފާއިތުވެދިޔަ 14 އަހަރުގެ ދިގު ތާރީޚުގައި އެންމެ ހިއްދަތި އަހަރުތަކަކީ ނިމިދިޔަ 5 އަހަރުކަމަށެވެ. އަނިޔާވެރިކަމާއި، ޚުދުމުހުތާރު ވެރިއެއްގެ ވެރިކަމުގައި އެތަކެއް ރައްޔިތުންނާއި އެމްޑީޕީގެ ރައީސް ޖަލުގައި އޮންނަންޖެހުމަކީ ޕާޓީއަށް ދިމާވި އެންމެބޮޑު ގޮންޖެހުންކަމަށެވެ. ނަމަވެސް މި އުދަގޫ ދުވަސްތަކުގައިވެސް ސާބިތުކަމާއިއެކު ނުކުމެ ކުރި މަސައްކަތުން ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބުވެސް އެމްޑީޕީން ކާމިޔާބު ކޮށްފައިވާކަމަށް ޝިފާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ކާމިޔާބީއާއިއެކު ޕާޓީ މިއަދު ތަޖުރިބާ ކުރަންޖެހެނީ މުޅިން އާ ކަންތައްތަކެއް ކަމަށާއި، އިދިކޮޅުގައި ހިތްވަރާއެކު ދެއްވި ޚިދުމަތް ވެރިކަމުގައި އޮތްދުވަހު މާބޮޑަށްވެސް ދޭން ބޭނުންވާކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ޕާޓީގެ އެންމެ ބޮޑު އަމާޒަށް މި ނިމިދިޔަ 5 އަހަރުގައިވަނީ ވާސިލްވެފައި. ވެރިކަން ބަދަލުކުރެވިއްޖެ. ރައްޔިތުންގެ ހައްގުތައް ކަށަަވަރުކޮށްދެވިއްޖެ. ހުރިހާ ޗެލެންޖެއް ހުރަސްކޮށް ކާމިޔާބު ކުރެވިއްޖެ. އެއްޗެއް ހެދި ބޮޑުވެ އެއްޗެއް މެއިންޓެއިން ކުރުން އެއީ އެންމެ ބޮޑު ކަންތައް. މޭވާ އަޅާ ފައްކާވީމަ ދެން ފަނާވާނީ. ދެވަނަ ސީޒަނަށްވެސް ކެވޭނީ ރަނގަޅަށް ފެންދީގެން." ޝިފާޒް ވިދާޅުވިއެވެ.

އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީ ނުހަނު ފަރިތަ ކަމެއްކަމަށް ސިފަކުރައްވަމުން ޝިފާޒް ވިދާޅުވީ މިފަދަ އިންތިޚާބުތަކުގެ ސަބަބުން ޕާޓީ ވަރުގަދަވެ އެކަތިގަނޑަކަށް ވުމަށް ބާރުލިބޭކަމަށެވެ. އަދި މި އިންތިޚާބްތަކުން ލިބޭ ތަޖުރިބާގެ ބޭނުން ބޮޑެތި އިންތިޙާބްތަކުގައި ހިފައި، ގިނަ އިންތިޚާބްތަކެއް އެމްޑީޕީން ކާމިޔާބް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ރައީސަކީ އިންތިޚާބުތަކުގައި ވާދަކުރައްވަން ނުހަނު ބާރުއަޅުއްވާ ބޭފުޅެއްކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

"ޕާޓީގެ ރައީސްގެ ވިސްނުން އަބަދުވެސް އިންތިޙާބްތަކުގައި ވާދަކުރެއްވުމަށް. ރައީސް ވިދާޅުވާނެ އަބަދުވެސް ނަމަނަމަ އިންތިޙާބެއް ދޫކޮށް ނުލައްވައްޗޭ. ރައީސް އަބަދުމެ ވިދާޅުވާނެ ބޮންއަޅަ އަޅާއޮއްވާވެސް އިންތިހާބަކަށް ގޮވާލައިފިއްޔާ އަޅުގަނޑުމެންވާނެއޭ ބައިވެރިވާން." ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި އޮވެ، ޕާޓީން ވެފައިވާ ވައުދުތައް ފުއްދުމަކީ މެމްބަރުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަންތައްކަމަށެވެ. މިކަން ހާސިލް ކުރެވޭނީ ޒުވާން އެނަޖިޓިކް ޓީމެއް ރުކުރުވާލައިގެން ކަމަށާއި، އެމްޑީޕީގެ މެމްބަރުން މިމަޤާމަށް ވޯޓް ދެއްވާނީ ކުރިމަތި ލައްވާފައިވާ ދެބޭފުޅުންނަކީ ކޮބައިކަން ރަގަޅަށް ބަލައި އެގިތިބެކަމަށެވެ. އަދި މިއިންތިޚާބު އޭނާ ކާމިޔާބު ކުރައްވާނީ މެމްބަރުންގެ ވިސްނުމާއި އެއްގޮތަށް ކަމަށް ޝިފާޒް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ.