ޚަބަރު

އަޅުގަނޑު މި ނުކުންނަކީ ސިޔާސީ ތަޖުރިބާއާއެކު އިޚްލާސްތެރި ޚިދުމަތެއް ކުރުމަށް - އަސްލަމް


އެމްޑީޕީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވަނީ ސިޔާސީ ތަޖުރިބާއާއިއެކު ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތެއްކުރުމުގެ މަޤްސަދުގައި ކަމަށް އެޕާޓީގެ ނައިބް ރައީސްކަމުގެ މަޤާމަށް ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕީއެސްްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އަސްލަމް ވިދާޅުވީ އޭނާ އެމްޑީޕީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވަނީ ޕާޓީގެ ދިގު މާޒީގައި ކޮށްދެއްވި ޚިދުމަތް ރަށްޔިތުންނާއި ކައިރިން ދެއްވުމަށްކަމަށެވެ. އަދި މިޚިދުމަތް މިވަގުތު ދެވެން އޮތީ ޕާޓީގެ ލީޑަރޝިޕްގެ އިސްމަޤާމަކަށް އިންތިޚާބުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ އުފެދުނީއްސުރެއް މިހާތަނަށް ޕާޓީއަށް އިޙްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވައި ޕާޓީއަށް ދިމާވި ކޮންމެ އުދަގޫ ދަތި ހާލަތްތަކުގައިވެސް އެންމެ ކުރީސަފުގައި އިޚްލާސްތެރި މަސައްކަތްތަކެއް ކުރައްވާފައިވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

"ޕާޓީ ފެށުނު ހިސާބުން ފެށިގެން ޙިދުމަތް ކުރަމުންއައި މީހެއް އަޅުގަނޑަކީ. އެކި މަޤާމުތައް އަދާކޮށްފިން ޕާޓީގަ. ސިޔާސީ ކަންކަމުގައި މިވީ ދުވަސްތަކުގައި ލިބުނު ތަޖުރިބާގެ އަލީގައި ބޭނުންވީ ޕާޓީއަށް ޙިދުމަތް ކުރުމަށް. ޕާޓީގެ ނައިބް ރައީސްކަމަކީ މިކަމަށް އެންމެ އެކަށީގެންވާ އެއް މަޤާމު ކަމުގައިދެކެން." އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ސިޔާސީ ފިކުރެއްކަމަށެވެ. ޕާޓީގެ ދިގު މާޒީގައި މެމްބަރުން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޕާޓީ އެއްބައިވަންތަކުރުމަށް އައްޑުއަތޮޅުގެ ދާއިރާގެ ރައީސްގެ ހައިސިއްޔަތުންވެސް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިވަގުތު ސަރުކާރު ހިންގާމައި ޕާޓީއަކީ އެމްޑީޕީއަށް ވެފައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި މެމްބަރުންގެ ޝުއޫރާއިއެކު މިކަން ކުރުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުކަމަށެވެ.

އޭނާއާއި ވާދަކުރައްވާ އެމްޑީޕީގެ އެންމެ ފަހުގެ ނައިބް ރައީސް ޝިފާޒާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ އޭނާއަކީ ޕާޓީއަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އިޚްލާސްތެރި ބޭފުޅެއްކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް ވާދަވެރި ރޫޙެއްގެ އެތެރޭގެ އިންތިޚާބު ބާއްވާ ޕާޓީއެއްކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އިންތިޙާބް ނިމުމާއިއެކު ދެ ކެންޑިޑޭޓުންވެސް އެކީގައި ޕާޓީއަށް ޙިދުމަތް ކުރާތަންފެންނަކަމީ އެމްޑީޕީއާއި އެހެން ޕާޓީތަކާއި ހުރި ތަފާތުތަކަމުގައި އަސްލަމް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ބައެއް ހާލަތްތަކުގައި ޕާޓީގެ އިންތިޙާބްތަށް ޕާޓީން ބޭރުން ނުފޫޒު ފޯރުވަމުންދާކަމަށެވެ. މިފަހަރު އެކަން އެގޮތަށް ނުވާނެކަމަށް ވަރަށްބޮޑަށް އުންމީދު ކުރާކަމަށް އަަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ވާދަކުރަނީވެސް ޕާޓީއަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ ބޭފުޅަކާ. ޝިފާޒަކީ ހަމަ ވަރަށް ރަނގަޅު ބޭފުޅެއް. އަޅުގަނޑުގެ ގާތް ރައްޓިއްސެއް. ސިޔާސީ ކަންކަމުގައި ވާދަކޮށްލުމަކީ އެއްވެސް ގޮތެއްގައި ޒާތީ މައްސަލަތަކެއް ކަމުގައި އަޅުގަނޑުމެން އެއްގޮތަކަށްވެސް ނުދެކެން. އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް ޑިމޮކްރަޓިކް ޕާޓީއެއް. ވާދަވެރި އިންތިޙާބްތަކަކީ އަބަދުވެސް އަޅުގަނޑުމެން ބާއްވާ އެއްޗެއް. އެއީ ޕާޓީއަށްވެސް ރަނގަޅުކަމެއް. ވާދަވެރި އިންތިޙާބްތަކާއި، ނަތީޖާއަކީ މިޕާޓީ ފަރިތަކަމެއް. ނަތީޖާ ލިބުމުން އަޅުގަނޑުމެންނަށް އެއްކޮށް މަސައްކަތް ކުރެވެމުންދާކަމީ މިޕާޓީގެ ވަރުގަދަކަން." އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އިންތިޚާބުގައި އޭނާއަށް ވޯޓްދެއްވަންވީ ސިޔާސީ ތަޖުރިބާއާއި، ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތައް މެމްބަރުން މިނެކިރުމަށްފަހުގައިކަމަށެވެ. މިމަޤާމަށް ކުރިމަތިލެއްވީ ކާމިޔާބްވާނެކަމަށް ވަރަށްބޮޑަށް އުންމީދުކޮށްގެން ކަމަށާއި، އިންތިޚާބް ކޮންމެ ގޮތަކަށް ދިޔަކަމުގައި ވީނަމަވެސް ޕާޓީއަށް އިޚްލާސްތެރި ކަމާއިއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.