ޚަބަރު

މިލިއަން ރުފިޔާގެ ކަރަންޓު ބިލްތަކެއްގެ ޒިންމާ ސިޓީ ކައުންސިލަށް


ކުރީގެ ސަރުކާރުން މާލޭ ސިޓީ ކައުންސިލްގެ ބާރުތައް ނެގުމަށްފަހު އަލުން އެބާރުތައް ލިބިގެންދިޔައިރު ޒިންމާވާނެ ފަރާތެއްނެތް، އެތައްމިލިއަން ރުފިޔާގެ ކަރަންޓު ބިލްތަކަކެއް ދެއްކުމުގެ ޒިންމާ ސިޓީ ކައުންސިލުން ނަގަންޖެހިފައިވާކަމަށް މާލޭގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މާލެސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލުކޮށް ސިޓީ ކައުންސިލްގެ ބާރުތައް ހަނިކުރުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. އަދިވެސް ސިޓީ ކައުންސިލަށް އެދަތިތަކުން އަރައި ނުގަނެވޭކަމަށް ސިފާ ވިދާޅުވިއެވެ. ސިފާ ވިދާޅުވީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ނެގުމަށްފަހު ކުރީގެ އެކި މިނިސްޓްރީތަކުގެ ދަށަށް މާލޭގެ އެކި ބިންތަކާއި ސަރަޙައްދުތައް ބެލެހެއްޓުން ޙަވާލުކުރިނަމަވެސް އެފަރާތްތަކުން އެންމެ އެކަށޭނެ ގޮތެއްގައި ޒިންމާ ނަންގަވާފައިނުވާކަމަށެވެ.

އެފަދަ ތަންތަނުގައި ހުރި ވިޔަފާރިތަކާއި މަގު ބައްތި ފަދަ އެއްޗިއްސަށް ލިބިފައިހުރި ކަރަންޓު ބިލްތައް ނުދައްކާ އަދިވެސް އެބަހުރިކަމަށް ސިފާ ވިދާޅުވިއެވެ. އަދި މިބިލްތަކަށް މިލިއަނުން އަރާފައިވާކަމަށްވެސް ސިފާ ވިދާޅުވިއެވެ. މީގެ ސަބަބުން ސިޓީ ކައުންސިލްގެ ހިންގުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށްވެސް މެޔަރ ސިފާ ވިދާޅުވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މެޔަރ ސިފާ ވިދާޅުވީ ކުރީގެ ސަރުކާރުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އުވާލުމަކީ ގެއްލުން ބޮޑު ނިންމުމެއްކަމަށެވެ. މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އެއީ ހުރުން މުހިއްމު ކުންފުންޏެއްގެ ގޮތުގައި މެޔަރ ފާހަގަކުރެއްވިއެވެ. އެމްއާރުޑީސީ އުވާލި އިރު މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދަން ބޭނުންވާ އެކި ޕްރޮޖެކްޓްތަކަށް މިލިއަނުން އެކުންފުންޏަށް ފައިސާ ދައްކާފައިވާކަމަށެވެ. މިއިން އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދެވި ސިޓީ ކައުންސިލްގެ އެތައް ފައިސާއަކަށް ވީނުވީއެއް ނޭނގޭކަމަށް ސިފާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލަށް 9 އަހަރު ފުރިގެން ގޮސްފައިވާއިރު މާލޭގެ އިޖުތިމާޢީ ހަމަޖެހުމާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވެ އެކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށްވަނީ އަމާޒުވެފައެވެ. މިމައްސަލަތައް ޙައްލުކުރުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު އެކަމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.