މާލޭގެ 2 ސަރަޙައްދެއްގައި ފެންރައްކާކުރާ ޓޭންކުތައް ބަހައްޓައި ވާރޭ ފެން އަލުން ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުއަކީ މާލެ ސިޓީ ކައުންސިލުން އެންމެ އިސްކަމެއްދީގެން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތުގެ ގޮތުގައި މާލެސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މާލެސިޓީގެ މެޔަރު ސިފާ މުޙައްމަދު ވިދާޅުވީ ކުރީގެ ސަރުކާރުން ޤާއިމުކޮށްފައިވާ ސްޓޯމް ވޯޓަރ ޕަމްޕްތައް ބޭނުންކުރަމުން ދިޔަނަމަވެސް ވާރޭ ވެހޭތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މާލޭގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށް ދަތިވާކަމަށެވެ.
އެހެންކަމުން އެއީ ޙައްލެ ނޫންކަމަށާ، މިކަމަށް އިތުރު ޙައްލެއް ބޭނުންވާކަމަށެވެ. މާލޭގެ 2 ސަރަޙައްދެއްގައި ބޮޑު 2 ޓޭންކު ބަހައްޓައި މާލެއަށް ވެހޭ ވާރޭފެން އަލުން ބޭނުންކުރެވޭނެ ގޮތަކަށް ސިސްޓަމްތަކެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސިފާ ވިދާޅުވިއެވެ. މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް އެކުލަވާލާ ޓެކްނިކަލް ޕްލޭން ވަރަށް އަވަހަށް ޢާއްމުކުރުމަށް ނިންމާފައިވާކަމަށްވެސް ސިފާ ވިދާޅުވިއެވެ.
މާލޭގެ ފެންބޮޑުވުމުގެ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި މާލެ ސިޓީގެ މެޔަރ ފާހަގަކުރެއްވީ ރިންގ ރޯޑު އުސްވުމުގެ މައްސަލައާއި ރަސްފަންނު ސަރަޙައްދު އުސްވުމުގެ މައްސަލައެވެ. ފެން ބޮޑުވާ ސަރަޙައްދުތަކުގެ ގޮތުގައި ސަމާލުކަމަށް އައިސްފައިވާ ހިސާބުތަކަށް ބާލާއިރުވެސް ވެސްޓް ޕާކު ސަރަޙައްދު ފާހަގަކޮށްލެވޭކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެހެންކަމުން މިކަން ޙައްލުކުރުމަށް ބޮޑު ޕްރޮޖެކްޓެއްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އެކައުންސިލުން ވިދާޅުވެއެވެ.