މި ސީޒަނުގައި އެންމެ މޮޅަށް ކުޅެމުން އަންނަ ޓީމަކީ ކްލަބް އީގަލްސް ކަމަށާއި، އެޓީމު ބަލިކުރަން ފަސޭހަ ނުވާނެކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ އީގަލްސްއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ދަ ގްރާންޑޭޭގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނީ، އީގަލްސްއަކީ މި ސީޒަނުގައި ކުޅޭ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި، އެކަމަކު މެޗާއި ކުރިމަތިލާނީ ރަނގަޅު ކުޅުމެއް ދައްކައި މެޗުން މޮޅެއް ހޯދުމަށް ކަމަށެވެ. އަދި މިހާތަނަށް ނަތީޖާތަކަށް ބަލާއިރު، ދަ ގްރާންޑޭގެ ނަތީޖާ ރަނގަޅު ކަމަށާއި، އެޓީމުން މަސައްކަތްކުރާނީ މިފަހަރުގެ ލީގުގައި ރަނގަޅު ހިސާބަކަށް ދިޔުމަށް ކަމަށްވެސް ބުންޏެވެ.
އިންމަ ބުނީ، ލީގުގެ ފުރަތަމަ ބުރުގައި އީގަލްސްއާއި ދެކޮޅަށް ދަ ގްރާންޑޭއިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، މި މެޗުގައިވެސް އެކުޅުން ދައްކައިފިނަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށެވެ. އިންމަ ބުނީ މި ސީޒަނަކީ ދިގު ސީޒަނެއްކަމަށާއި، އަދި މިހާ ގިނަ ބްރޭކްތަކެއް ސީޒަނުގެ ތެރެއިން އަންނައިރު، ޓީމުގެ ކުޅުން އެއް ފެންވަރެއްގައި ހިފެހެއްޓުމަށް ކޮންމެ ކޯޗަކަށްވެސް އުނދަގޫތަކެއް ކުރިމަތިވާނެކަމަށެވެ. އަދި ކުރިޔަށް އޮތްތާގައި ޓީމުގެ ޕާފޯމަންސް ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް އިންމަ ބުންޏެވެ.
" މޮޅުވަމުން އަންނަ ކަމަށްވާނަމަ، މޯޓިވޭޝަންވެސް ރަނގަޅުވާނެ. އެހެންނަމަވެސް އަޅުގަނޑުމެން މި ނުކުންނަނީ އީގަލްސްއަަކީ މޮޅު ޓީމެއްގެ ގޮތުގައި ދެކިގެން. އެންމެ ފަހުން އެމީހުންނާއެކު ކުޅުނު މެޗުގައިވެސް ރަނގަޅު ޕާފޯމަންސްއެއް ކުރެވުނު. އުންމީދުކުރަނީ ހަމައެކަހަލަ ޕާފޯމަންސްއެއް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ކުރެވޭނެ ކަމަށް." އިންމަ ބުންޏެވެ.
ލީގުގައި މިރޭ އީގަލްސް އާއި ދަ ގްރާންޑޭ ބައްދަލުކުރާއިރު، އީގަލްސް އޮތީ ތާވަލުގެ ދެވަައިގައި 18 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި 23 ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ. އަދި ދަ ގްރާންޑޭ އޮތީ ފަސްވަނައިގައި 15 ޕޮއިންޓާއެކު އެވެ.