ޚަބަރު

ޕީޖީ ބިޝާމްގެ މައްސަލާގައި މިވަނީ ކިހިނެތް؟


ޕްރޮސެކިއުޓާ ޖެނެރަލް ޢާއިޝަތު ބިޝާމްއަކީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިހުގެ އެތައް މެމްބަރުންނަކަށާއި ސިޔާސީ ލީޑަރުންނަށް ނުހައްޤުން އެތައް ދައުވާއެއްކޮށް މުޅި ނިޒާމުގެ އިތުބާރު ގެއްލުވާލި ބޭފުޅެއްގެ ގޮތުގައި އޭރުގެ އިދިކޮޅުގައި ތިބި އަދި މިއަދު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ސިފަކުރައްވާފައިވެއެވެ.

ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ރައީސް ނަޝީދާއި، ޝައިޚް އިމްރާނާއި ކާނަލް ނާޒިމާއި ރައީސް މައުމޫނާއި، މަޖިލިސް އެތައް މެމްބަރަކަށް ކޮށްފައިވާ ދައުވާތަކަކީ ވަކި މަގުސަދެއްގައި ސިޔާސީ ކުލަޖެހިގެން މަޤާމުގެ ދިފާއުގައި ކުރެއްވި ދައުވާތަކެއްކަން މިދައުވާތަކަށް ވެފައިވާ ގޮތުން ހާމަވެއެވެ. ޕްރޮސެކިއުޓާ ޖެނެރަލް ކުރެއްވި މިދައުވާތައް ބާޠިލް ކުރެއްވުމަށް ހަމަ ޕްރޮސެކިއުޓާ ޖެނެރަލް ފަހުން އެދިވަޑައިގެން މިހުރިހާ ދައުވާތަކެއް "ފަޓާސް ބަރިއެއްހެން" ބާޠިލް ކޮށްފައިވާކަމީ ޕީޖީގެ މަސްއޫލިއްޔަތާއި، އިޚްލާސްތެރިކަމާއިމެދު ގިނަބަޔަކު ސުވާލު އުފެއްދިކަމެކެވެ.

ޕީޖީ ބިޝާމަކީ ޤާނޫނުގެ ޙުކޫމާތް ނަގަހައްޓައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ދައުލަތް ތަމްސީލުކުރުމުގައި ހާމަކަމާއި ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ބުރަނުވާ، އެއްގޮތް އުޞޫލަކުން ކަންކުރާ، ޖަވާބުދާރީކުރެވެނެވި، މުޙްތަރިފް ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއެއްގެ ޒިންމާ އުފުލޭފަދަ ބޭފުޅެއްތޯ 19 މަޖިލީޙުގެ އެތައް މެމްބަރުންނެއްވަނީ ސުވާލު އުފައްދާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު ދައުރުގައި ހުށަހެޅި ފުރަތަމަ މައްސަލަޔަކީވެސް ޕީޖީ ބިޝާމް މަޤާމުން ވަކިކުރުމުގެ މައްސަލައެވެ. 18ވަނަ މަޖިލީހަށް 2 ފަހަރެއްގެ މަތިން މިމައްސަލަ ހުށަހެޅި ނަމަވެސް އެޖެންޑާ ނުކުރެވި އުޅެނިކޮށް އެ މަޖިލިސްގެ މުއްދަތު ވަނީ ހަމަވެފައެވެ.

ޤާނޫނު އަސާސީއާއި، ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދިޔަ އެތައް އަމަލުތަކާއި، ނުހައްޤުން ރައްޔިތުންނަށް ކުރަމުންދިޔަ އަނިޔާތަކަށް ނިމުން ގެނައުމަށް ގިނަ ވައުދުތަކާއިއެކު އެކުލެވިގެންދިޔަ 19ވަނަ މަޖިލިސް އިންތިޚާބްވެގެން ގޮސްފައިވަނީ ވަރަށްގިނަ ރައްޔިތުންގެ އުންމީދުތަކާއިއެކުއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ 65 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތާއެކު މިއަދު އޮތީ ވެރިކަންކުރާ އެމްޑީޕީގެ އަތުގައެވެ.

19ވަނަ މަޖިލިސް ތަފާތުކަން މަޖިލިސްގެ ފުރަތަމަ ދައުރުގެ މަސައްކަތުގެ ނަތީޖާއިންވެސް ވަނީ ދައްކާފައެވެ. އެތައް ޤާނޫނެއް ވަނީ ފާސްކޮށްފައެވެ. ވަޒީރުންނާއި ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އޮޅުންފިލުވާފައެވެ. މިނިވަން މުއައްސަސާތަކާއި، ކޮމިޝަންތަކާއި، ބައެއް އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މަޤާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުންކުރި ބައެއް ފަރާތްތައް މަޤާމުތަކުން ވަކިކޮށް، ބައެއް ފަރާތްތައް ވަކިކުރުމުގެ މަސައްކަތް މިއަދުވެސް މަޖިލިސްގައި ދަނީ ކުރިއަށެވެ.

ސުވާލަކީ މިހުރިހާކަމެއް މަޖިލިސް ތެރެއިން ކުރެވެމުންދާއިރުވެސް ނުހައްޤުން އެތަކެއް ދައުވާއެއްކޮށް، އެތައް އަނިޔާއެއް ދިންކަމަށް އެމްޑީޕީގެ މެމްބަރުން ބުނަމުންދާ ޕީޖީ ބިޝާމް މަޖިލިސްގެ ނިވަލުގައި ޙިމާޔަތާއެކު ހުންނަވަނީ ކީއްވެތޯއެވެ؟ ބިޝާމް ވަކިކުރުމަށް 19ވަނަ މަޖިލިސްގައިވެސް ކުރެވޭ މަސައްކަތް ނުހިނގައި ހުށަހަޅާ މައްސަލަވެސް އަނބުރާ ނަގަން މިޖެހެނީ ކީއްވެތޯއެވެ؟ ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަކީ ވަކި މީހަކަށް ޚާއްސަވެފައިވާ މަޤާމަކަށް ވެއްޖެނަމަ ޤާނޫނުގެ ޙުކޫމާތް ނަގަހައްޓައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ދައުލަތް ތަމްޘީލުކުރުމުގައި ހާމަކަމާއި ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ބުރަނުވެ ޒިންމާ އަދާނުކުރެވޭނެކަމީ ޔަގީންކަމެކެވެ.