ޚަބަރު

"މަރްޖާވާ"- ރިތޭޝް އަދި ސިދާތު އަނެއްކާވެސް ކުރިމަތިލުމަކަށް


"އޭކް ވިލަން"ގެ ބޮޑު ކާމިޔާބީއަށްފަހު ސިލްވަރ ސްކްރީނުން ސިދަރތް މަލޯތްރާ އަދި ރިތޭޝް ދޭޝްމުކްގެ ޑުއޯ ފެނިގެންދާ ފިލްމް "މަރްޖާވާ"ގެ ޓްރެއިލަރ ވަނީ އާންމުންގެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

"މަރްޖާވާ"ގައި ބަތަލާގެ ރޯލުން ފެނިގެންދާނީ މެއި މަހު ރިލީޒްކުރި ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދަ އިޔަރ 2" އިން ބޮލީވުޑަށް ތަޢާރަފްވި ތާރާ ސުތާރިއާއެވެ. ތާރާގެ އިތުރުން ރާކުލް ޕްރީތުވެސް މި ފިލްމުގައި ފެނިގެންދާނެއެވެ.

ނޮވެމްބަރު މަހު 22 ވަނަ ދުވަހު ކުރިން ރިލީޒް ކުރަން ހަމަޖެހުނު މި ފިލްމްގެ ރިލީސް ޑޭޓް މިހާރުމިވަނީ ނޮވެމްބަރ މަހުގެ 15 އަށް އަވަސް ކޮށްފައެވެ. މިލަޕް ޒަވޭރީ ޑައިރެކްޓް ކުރާ ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ޓީ ސީރީސް އަދި އެމޭ އެންޓަޓެއިންމެންޓުންނެވެ.

ރޮމޭންޓިކް އެކްޝަން މި ފިލްމުގައި ރިތޭޝް ފެނިގެންދާނީ އިސްކޮޅުން ކުރު މީހެއެއްގެ ރޯލުންނެވެ. ރިތޭޝް ދެވަނަ ފަހަރަށް ވިލަންއެއްގެ ރޯލުން ފެނިގެންދާ މި ފިލްމުން އޭނާ ފެނިގެންދަނީ ތިން ފޫޓު ހުންނަ މީހެއްގެ ކެރެކްޓަރއިންނެވެ. ފިލްމީ ޚަބަރުތައް ބުނާ ގޮތުން މިއީ ރިތޭޝްގެ އެންމެ ތަފާތު އެކްޓިންއެއް ފެނިގެންދާނެ ފިލްމެވެ.

މި ފިލްމުގައި "ދިލް ބަރު" އަދި "އޯ ސާކީ" ފަދަ ލަވަތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދަމުން އަންނަ ނޯރާ ފަތޭހީގެ ޚާއްސަ އައިޓަމް ސޯންގެއްވެސް ފެނިގެން ގޮސްފައިވެއެވެ. މިހާރުގެ ޓްރެންޑެއް ކަމުގައިވާ ރެންޑިޝަން ލަވައެއްގެ ގޮތުގައި ނެރުނު "އޭކް ތޮ ކަމް ޒިންގާނީ" މި ލަވަ ކިޔާފައި ވަނީ ނޭހާ ކައްކަރު އަދި ޔަޝް ނަރްވޭކަރް އެވެ.

"މަރްޖާވާ"ގެ ޓްރެއިލަރ

މި ފިލްމްގައި "އޭކް ވިލަން"އަށް ފަހު އަނެއްކާވެސް ސިދަރތް މަލޯތްރާ އަދި ރިތޭޝް ދޭޝްމުކްގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާއިރު، ބެލުންތެރިން ރޮއްވާލާފަދަ އަސަރުގަދަ ސީން ތަކެއްވެސް ފެނިގެންދާނެއެވެ. 3 މިނެޓް ސޯޅަ ސިކުންތުގެ ޓްރޭލަރ އިން ފެންނަގޮތުން ފިލްމުގެ ބަތަލު ސިދަރތް އޭނާގެ ލޯބިވެރިޔާ ތާރާގެ ގަޔަށް ބަޑިޖަހާ މަރާލައި ސީންގެ ސަބަބުން އާންމުންގެ މެދުގައި މި ފިލްމް ބެލުމުގެ ޝައުގުވެރިކަން އިތުރު ވާގަޮތަށް މަސައްކަތް ކޮށފައިވާ ކަން ފާހަގަ ކުރެވެއެވެ.

ފުލުފުލުގައި ގިނަ ފްލޮޕް ފިލްމްތަކަކާއި ކުރިމަތިލާންޖެހިފައިވާ ސިދަރތަށް މި ފިލްމަކީ ސަކްސެސްއަކަށް ވުން ވަރަށް މުހިންމެވެ. އެގޮތުން އޭނާއާއިއެކު ފިލްމް އިންޑަސްޓްރީއަށް ނިކުތް ވަރުން އާއި، އާލިއާ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދުމުން މިކަމުގެ ފާޑުކިޔުންތަށްވެސް ސިދަރތަށް ދަނީ އާމާޒުވަމުންނެވެ. ތާރާ ޑެބިއު ކުރި ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔަރ 2"އަށް ލިބުނު ފިނި ތަރުޙީބާއިއެކު އޭނާއަށްވެސް "މަރްޖާވާ"އަކީ ހިޓްއަކަށްވުން މިވަނީ ވަރަށް މުހިންމުކަމަށް ވެފައެވެ. ރިތޭޝް ދޭޝްމުކް އެންމެފަހުން ފެނިގެންގޮސްފައިވަނީ މަލްޓި ސްޓާރަރ ފިލްމު "ޓޯޓަލް ދަމާލް"އިންނެވެ. މިއަހަރު ގެ މިފިލްމަކީ 100 ކްރޯޑްގެ އާމްދަނީ ހޯދި ފިލްމެކެވެ.