ޚަބަރު

އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނަށް 9 އަހަރުފުރުން ފާހަގަކޮށްފި


އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު (އެމްއީސީ) އަށް 9 އަހަރުފުރުން ފާހަގަކޮށްފިއެވެ.

އެ ޖަމްޢިއްޔާގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވަނީ އައްޑޫ ސިޓީ މީދުއަށް ތަފާތު ރޮގުރޮގުން ޚިދުމަތްކޮށްދެއްވާފައިވާ ކަނބަލުންނާއި މުޖްތަމަޢަށް އެކި ރޮނގުރޮނގުން ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ފިލާ ދީފައެވެ.

ސ.އަތޮޅު މަދަރުސާގައި ރޭ ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާރމެންޓްގެ ކޮމިއުނިޓީ އެމްޕަވާރމެންޓް ކޮންސަލްޓެންޓް ފާތިމަތު ޝެހެޒިނީއެވެ.

މިރަސްމިއްޔާތުގައިވަނީ އެ ޖަމްމިއްޔާގެ ލާމަސީލު މެމްބަރުންނަށާއި ޒުވާނުންގެ ތެރެއިން އިޖްތިމާއީ މަސައްކަތަށް ޝައުޤުވެރިކަމާއެކު އެންމެ ގިނައިން ހަރަކާތްތެރި ވާ އުމުރުން އެންމެ ހަގު ޒުވާނާގެ މަސައްކަތް ފާހަގަކޮށް އަރާތަރީގެ ނަމުގައި އެވޯޑެއްވެސް ދީފައެވެ. އަދި އެޖަމްޢިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށްވެސް ވަނީ އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާދީފައެވެ.

މީގެ އިތުރުން އެމްއީސީން އެެރަށު ޝަރީފީ ޕްރީ ސްކޫލްގެ ޓިނު ފުރާޅު ބަދަލުކުރުމަށް ކުރި މަސައްކަތުގައި އެހީތެރިވެދިން ފަރާތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށްވެސް ވަނީ ހަނދާނީ ފިލާ ދީފައެވެ.

ފާއިތުވެ ދިޔަ ނުވަ އަހަރު އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު ޖަމްމިއްޔާއިން މުޖްތަމައުގެ ލާބަޔާއި މަންފާއަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާއިރު، މި ހަފްލާގައި އެކަންތައްތަކާ ގުޅޭ ޚާއްޞަ ރިޕޯޓެއްވެސް ހުށަހަޅާފައިވެއެވެ.