ޚަބަރު

އަމީނިއްޔާ ސްކޫލުން ދައްކަމުންދާ ނަމޫނާ އެގޮތުގައި ދެމެހެއްޓުމަށް ނާއިބް ރައީސް ގޮވާލައްވައިފި


އަމީނިއްޔާ ސްކޫލުން ފާއިތުވި ތަނުގައި ދެއްކި ނަމޫނާގެ މަތީގައި ދެމިތިބެ ކުރިއަށް އޮތްތަނުގައިވެސް ހަރުދަނާ ޖީލެއް ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް އަމީނިއްޔާ ސްކޫލުގެ ބެލެނިވެރިންނަށާއި ޓީޗަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ގޮވާލައްވައިފިއެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރުފުން ފާހަގަކުރުމަށް ބޭއްވި ޕެރޭޑު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އަމީނިއްޔާ ސްކޫލުން ނަމޫނާ ދަރިންތަކެއް އުފައްދާފައިވާކަމަށެވެ. އެގޮތުން އެކަން ސާބިތުވާ އެންމެ ބޮޑު ހެއްކަކީ ޤައުމު ހިންގުމުގެ ސަފުގައި އަމީނިއްޔާގެ އިސް ދަރިވަރުން ތިބުންކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލްގެ ބެލެނިވެރިންނާ ޓީޗަރުން ފާއިތުވި ތަނުގައި ނަމޫނާ ދައްކާފައިވާކަން ފާހަގަކުރައްވާ ނާއިބު ރައީސް ވަނީ މިމަސައްކަތްކުރިއަށް އޮތްތަނުގައިވެސް އެގޮތުގައި ދެމެހެއްޓުމަށް އެދިވަޑައިގެންފައެވެ. އަދި ޤައުމަށް ބޭނުންވާފަދަ ޖީލެއް ބިނާކުރުމަށް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ނާއިބު ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި ކުދިންނަށް ރަނގަޅު ނަމޫނާ ދެއްކުމުގެ މުހިއްމުކަމުގެ މައްޗަށް ނާއިބުރައީސްވަނީ އަލިއަޅުއްވާލައްވާފައެވެ.

އަމީނިއްޔާ ސްކޫލުގެ ޕެރޭޑް ކުރިއަށްގެންގޮސްފައިވަނީ ހަވީރު 4 އަކުންފެށިގެން 6:00 އާ ހަމައަށެވެ. އަދި ޕެރޭޑު ނިންމުމަށް ޚާއްޞަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ.

ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިޔަ ޕެރޭޑުގައި އަމީނިއްޔާ ސްކޫލްގެ 1500 އެއްހާ ދަރިވަރުންވަނީ ބައިވެރިވެފައެވެ. އަމީނިއްޔާ ސްކޫލްގެ ތާރީޚު ދައްކުވައިދޭ ފަދަ އައިޓަމްތަކާއި ސްކޫލްގެ ބޭންޑް ގެ ޙަރަކާތްތަކާއެކު ކުރިއަށްގެންދިޔަ މިޕެރޭޑުގައި އެސްކޫލްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުންވަނީ ބައިވެރިވެފައެވެ.