ސިޔާސީ

ނާޒިމްގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ފަށައިފި


މި ހަފްތާގެ ހުރިހާ ދުވަހަކަށް ތާވަލްކޮށްގެން ކުރިޔަށްގެންދާގޮތަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އެގާރަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.މިއަދުގެ އަޑުއެހުމުގައި ނާޒިމްގެ ފަރާތުން ބުނީ ނާޒިމް ޖަލަށްލުމަށް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލްތަކާ ޚިލާފަށްކަމަށެވެ. މިގޮތުން ޤާނޫނު އަސާސީއާ،ފަނޑިޔާރުންގެ ޤާނޫނާ،ފުލުހުންގެ ޤާނޫނާ ހެދިފައިވާ ބައެއް ޤަވާއިދުތަކާ އުސޫލްތަކަށް ޚިލާފްވެފައިވާކަމަށް ނާޒިމްގެ ފަރާތުން މިއަދު ކޯޓްގައި ބުނެފައިވެއެވެ.ހަނގުރާމަވެރި ހަތިޔާރެއް ރާއްޖެ އެތެރެކޮށް ގެންގުޅުނު ކަމުގެކުށް ނާޒިމްގެ މައްޗަށް ސާބިތުވެ އެގާރަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. ނާޒިމް މިހާރު ގެންދަވަނީ މި ހުކުމް ތަންފީޒުކުރައްވަމުންނެވެ.